ކިޔާރާ އަދްވާނީ ދެން ފިލްމެއް ކުޅެލަން އެންމެ ބޭނުންވަނީ ރަންބީރު ކަޕޫރާއެކު ކަމަށް ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ އެންމެ ފަހުން ކުޅެފައިވާ ފިލްމު ''ޝޭރްޝާހު''ގެ ޕްރޮމޯޝަންގައި މީޑިއާއަށް ދިން އިންޓަވިއުއެއްގައެވެ.

އެ އިންޓަވިއުގައި އޭނާ ދެން ފިލްމެއްގައި އެކުގައި މަސައްކަތް ކޮށްލަން ބޭނުންވަނީ ކޮން ތަރިއަކާއެކުތޯ ކުރެވުނު ސުވާލަކަށް ޖަވާބު ދެމުން ރަންބީރު ކަޕޫރާއެކު ފިލްމެއް ކުޅެލަން ވަރަށް ބޭނުން ކަމަށް ވަނީ ބުނެފައެވެ.

ރިލީސް ކުރުމަށް ތައްޔާރުވަމުން އަންނަ ޝޭރްޝާހުގައި ކިޔާރާ އަދްވާނީ ފެނިގެންދަނީ ސިދާތު މަލީތުރާއާ އެކުގައެވެ. އެ ފިލްމަށް ކިޔާރާ އަދި ސިދާތު ނޫން ތަރިން ހިޔާރު ކުރަން ޖެހިއްޖެ ނަމަ އެންމެ ކަމުދާނީ ކޮން ތަރިންނެއްތޯ އެހުމުން، ކިޔާރާ އަދި ސިދާތު އަކީ އެ ފިލްމަށް ހަމަ އެންމެ އެކަށޭނަ ތަރިން ކަމަށް އޭނާ ވަނީ ބުނެފައެވެ. މި ދެތަރިން ރަށްޓެހި ވެގެން އުޅޭ ކަމުގެ އަޑުތަކެއްވެސް ވަނީ ފެތުރިފައެވެ.

މިފަހުން ނުކުމެފައިވާ ނެޓްފްލިކްސް ޑްރާމާ ''ގިލްޓީ'' އާއި އަކްޝޭ ކުމާރާއެކު ކުޅެފައިވާ ބިރުވެރި ފިލްމު ''ލަކްސްމީ'' އަދި ''އިންދޫ ކީ ޖަވާނީ'' އިން ބެލުން ތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކިޔާރާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަރްތިކް އަރްޔަންއާއެކު ކުޅެފައިވާ ''ބޫލް ބުލައްޔާ2'' އަދި ވަރުން ދަވަން އާއެކު ފެނިގެންދާ ''ޖުގް ޖުގް ޖިޔޯ'' ހިމެނެއެވެ.