އެމަނިކުފާނަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ކަމަށާއި އެމަނިކުފާނާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ދެއްކެވި ވާހަކަ ބަލައި ހައްލުކުރަން އެމްޑީޕީގައި އެދިފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި އަފީފް ވަނީ ރައީސް ސޯލިހުގެ އިސްތަށިފުޅުގައި ތުހުމަތުތަކެއް އަޅުވައިފައެވެ. އެގޮތުން ރައީސް ސޯލިހު އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ޔަގީން ނުވާ ކަމަށާއި ރައީސް ސޯލިހަށް ކޯލިޝަންގެ ނުފޫޒު ހާއްސަކޮށް އަދާލަތު ޕާޓީގެ ނުފޫޒު އޮތް ކަމަށް ތުހުމަތު ކުރެއްވިއެވެ.

އަފީފްގެ އެވާހަކަތަކާ ގުޅިގެން އޭނާއަށް ފިޔަވަޅު އަޅުއްވަން ރައީސް ސޯލިހު އެންގެވި ކަމަށްވެސް އަފީފް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމުގެ ތަފްސީލު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނަކީ އެމްޑީޕީގެ އެންމެ އިސް ފަރާތް ކަމަށާއި އެހެންކަމުން ޕާޓީ ބައިބައިވާފަދަ ކަމެއް ކުރިމަތިވެއްޖެނަމަ އެކަން ހައްލު ކުރަން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

"ވިލުފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު ހަސަން އަފީފް ފަދަ ބޭފުޅަކު އެކަހަލަ ވާހަކައެއް ދެއްކެވީމަ އަޅުގަނޑު ޖެހޭނެ އޭގެ ހަގީގަތް ހޯދަން. އަޅުގަނޑު ޕާޓީގެ ޗެއާޕާސަނަށް ގުޅިން. އަޅުގަނޑު ދެންނެވިން އަޅުގަނޑާ ގުޅޭ ގޮތުން މިކަހަލަ ވާހަކަތަކެއް އެބަހުއްޓޭ ނޫސްތަކުގައި، މީގެ ހަގީގަތް ބައްލަވައިދެއްވާށޭ. މިވާހަކަ އަފީފް ވިދާޅުވިތޯ ބައްލަވާށޭ. ބައްލަވާފައި މިކަހަލަ ކަންކަން ވިޔަ ދީގެން ނުވާނެއޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި މައްސަލަ އުފެދޭ ކަންކަން ސީނިއާ ލެވެލްގެ ބޭފުޅުން ކޮށްގެން ނުވާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނު މަސައްކަތް ކުރައްވަނީ އެމްޑީޕީ އެކަތިގަނޑަކަށް ހެދުމުގެ މަސައްކަތް ކަމަށާއި އެގޮތުން ހަސަން އަފީފް އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އާޒިމާވެސް ވާހަކަ ދެއްކަވާފައިވާނެ ކަމަށެވެ. އަދި އެމަނިކުފާނަކީ މިހާރު އެމްޑީޕީގެ މެންބަރަކަށް ނުވަނީތޯއޭވެސް އާޒިމްގެ އަރިހުން އައްސަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.