ސަރުކާރުގެ ވިސްނުމަކީ ތިލަމާލެ ބުރިޖުގެ ނިމެމުންދާ ބައި ހުޅުވަމުން ދިއުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ތިލަމާލެ ބުރިޖު އެޅުމަށް ބިޑްކުރެވި މިހާރު ކުރެވެމުން އަންނަ މަސައްކަތަކީ އެގްރީމަންޓްގައި ސޮއިކުރުމުގެ މަސައްކަތް ކަމަށެވެ.

"ބިޑްކޮށް އެގްރީމަންޓްގައި ސޮއިކުރުމުގެ މަރުހަލާގައި މިހާރު އޮތީ. އެގްރީމަންޓްގައި ސޮއިކުރުމުގެ ކުރިން އެބަ އޮވޭ ބިޑް ޑޮކިއުމަންޓްގައި މަޝްވަރާ ކުރަން ޖެހޭ ކަންކަން، އެ މަޝްވަރާތައް މިހާރު ކުރިއަށް އެދަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، 2023 ވަނަ އަހަރުގެ ތެރޭގައި ބުރިޖުގެ އަމަލީ މަސައްކަތް އެއްކޮށް ނުނިމޭނެ ކަމަށާއި ނަމަވެސް މިހާރުގެ އަމާޒަކީ ނިމޭ ވަރަކަށް ހުޅުވަމުން ގެންދިއުން ކަމަށެވެ.

"ބުރިޖުވެސް އަޅުގަނޑަކަށް ހިޔެއް ނުވޭ 2023 ވަނަ އަހަރު އަންނަންވާއިރަށް އެކީ ގޮސް ތިލަފުއްޓާ ހަމައަށް ފޯރާނެ ހެނެއް. އެހެންނަމަވެސް ބޮޑު ބައެއް ނިމޭނެ. ނިމުމާއެކު އެބައި ހުޅުވަމުން ގެންދިއުމަކީ އަޅުގަނޑުމެންގެ ވިސްނުމަކީ،" ރައީސް ވިދާޅުވިއެވެ.

އިންޑިއާގެ ލޯނު އެހީގައި އެގައުމުގެ ކުންފުންޏަކާ ހަވާލުކޮށް ހަދާ 6.7 ކިލޯ މީޓަރުގެ ބުރިޖުތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" އަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއެވެ. މިއީ މާލޭ ސަރަހައްދުގައި ހަދާ ދެވަނަ ބުރިޖެވެ.

ތިލަމާލެ ބުރިޖު މަޝްރޫއަށް އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނާއި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވަނީ ދީފައެވެ. މީގެ ތެރެއިން 400 މިލިއަން ޑޮލަރުގެ ލޯނު އަނބުރާ ދައްކަން 20 އަހަރުގެ މުއްދަތެއް ދީފައިވާ އިރު، ލޯނު އަނބުރާ ދައްކަން ފަށަން ޖެހެނީ ފަސް އަހަރު ފަހުންނެވެ. މި ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.75 ޕަސެންޓެވެ.

މި މަޝްރޫއަށް ކަނޑައަޅާފައިވާ ކޮންސަލްޓަންސީ ފާމް، އެމްއެސް އަރޫފް ލިމިޓެޑަކީ ދިވެހި ސަރުކާރުން ހޮވާފައިވާ ކުންފުންޏެކެވެ. އެ ފާމުން ތައްޔާރުކުރި ޕްރޮޖެކްޓް ރިޕޯޓަށް ދެގައުމުގެ ސަރުކާރުން ވަނީ ރުހުން ދީފައެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބުރިޖުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވާ ތިލަމާލެ ބްރިޖުގެ މަޝްރޫއަށް 488 މިލިޔަން ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި އެ މަޝްރޫއަށް ހިމަނާފައިވަނީ 411 މިލިއަން ރުފިޔާއެވެ. އަދި މިއަހަރުގެ ބަޖެޓުގައި އެ މަޝްރޫއަށް 469 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.