އެމަނިކުފާނު ކޮމްޕްރޮމައިޒް ވާން ޖެހޭ ފަދަ އެއްވެސް އެއްޗެއް އެއްވެސް މީހެއްގެ އަތަކު ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިގޮތަށް ވިދާޅުވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާ މެދު ތަފާތު ކުރުންތައް ގެންގުޅޭ އެއް ސަބަބަކީ ރައީސް ކޮމްޕްރަމައިޒްވާ ފަދަ ޑޮކިއުމެންޓްތަކެއް އޭނާއަތުގައި ހުރުމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އެމަނިކުފާނު ކޮމްޕްރޮމައިޒްވާ ކަހަލަ އެއްވެސް ލިޔުމެއް އެއްވެސް މީހެއްގެ އަތުގައި ނޯންނާނެ ކަމަށެވެ. އަދި އެކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ކޮމްޕްރޮމައިޒްވާ ކަހަލަ އެއްވެސް ލިޔުމެއް، އެއްވެސް އެއްޗެއް އެއްވެސް ބޭފުޅަކު އަތުގައި ނޯންނާނެ ހާމަ ކުރައްވާކަށް. އެއީ ޔަގީންކަމެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަލީ ވަހީދުގެ ޝަކުވާތައް ލިބުމާއެކު އޭނާއާމެދު އަޅަންޖެހޭ ފިޔަވަޅެއް ވަގުތުން އެޅި ކަމަށެވެ. އަދި މިހާރު އެ މައްސަލަ ތަހުގީގުކޮށް، ދައުވާ ކުރުމަށް ކޯޓް މަރުހަލާގައި އެމައްސަލަ ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން އެ މައްސަލައިގެ ތެރެއަށް ނުވަންނާނެ ކަމަށާއި ނުވެސް ވަދެވޭނެ ކަމަށެވެ. އަދި މިނިވަންކަމާއެކު ޝަރީއަތްތައް ހިންގަން ފުރުސަތު ދޭން ޖެހޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެހެން ނަމަވެސް އެ މައްސަލަ އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ކޮށްދޭންޖެހޭ ކަންކަމާއި ފޯރުކޮށްދޭން ޖެހޭ ކަންކަން ކޮށްދޭނެ ކަމަށެވެ. އަދި އެ މައްސަލަ ކުރިއަށްދަނީ ގާނޫނުތަކާ އެއްގޮތަށްތޯ ބަލާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުުގައި ހަތް ދައުވާއެއް އުފުލާފައިވަނިކޮށް ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކޮށްލުމުން ރާއްޖޭން ބޭރަށް ފުރާވަޑައިގެންނެވި އަލީ ވަހީދުގެ ޝަރީއަތުގެ މަޖިލީހެއް ކުރިމިނަލް ކޯޓުގައި ވަނީ މީގެ ކުރިން ބާއްވައިފައެވެ. އެ ޝަރީއަތުގައި އަލީ ވަހީދު ބައިވެރިވެފައި ވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަން މެދުވެރިކޮށް، އޮންލައިންކޮށެވެ.
ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް އަލީ ވަހީދުގެ ފަރާތުން ޝަރީއަތުގައި އެދުނީ އޭނާގެ ބޭސް ފަރުވާގެ ކަންކަން ނިމިފައިނުވާތީ ކަމަށް ވިދާޅުވެއެވެ. އަދި ބޭސްފަރުވާގެ ކަންކަން ނުނިމޭ ކަމަށް ވިދާޅުވެ، އޭނާ ވަނީ ކްރިމިނަލް ކޯޓަށް މެޑިކަލް ލިޔުންތަކެއް ވެސް ހުށަހަޅައިފައެވެ. ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމެވީ ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށެވެ.
އަލީ ވަހީދު ރާއްޖޭގައި ނެތި ޝަރީއަތް އޮންލައިންކޮށް ކުރިއަށް ގެންދަން ކުރިމިނަލް ކޯޓުން ނިންމި ނިންމުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ. ނަމަވެސް އެ މައްސަލައިގެ އިޖުރާއީ އަޑުއެހުމެއް ބޭއްވުމަށްފަހު ޖުލައި އަށްވަނަ ދުވަހު އެ މައްސަލަ ހައިކޯޓުން ވަނީ ބޭރު ކޮށްލައިފައެވެ.
އެ މައްސަލަ ހައިކޯޓުން ބޭރު ކޮށްލުމުން ޕީޖީގެ ފަރާތުން އަލުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީއެވެ. ސްޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ ޝަރީއަތަށް އަލީ ވަހީދު ކޯޓަށް ހާޒިރުވާން އަންގައިފައެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ އަޑުއެހުމަށް އަލީ ހާޒިރު ވެފައި ނުވާތީ، ކޯޓުގެ ހުރުމަތް ކެނޑިކަމަށް ނިންމައި ދެ މަހާއި ބާރަ ދުވަހަށް އޭނާ ޖަލަށް ލުމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ. އަދި އެ އަމުރު ތަންފީޒު ކުރުމަށް ކަރެކްޝަންސްގެ މައްޗަށް ވަނީ އަމަރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު