ގައުމީ އެއާލައިން، މޯލްޑިވިއަންގެ ހިދުމަތް ރަނގަޅުކުރުމަށް ބޭރުގެ ފަރާތަކާ އެކު ޖޭވީއެއް ހެދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ އައިލޭންޑް އޭވިއޭޝަނަކީ ކުރިންވެސް ގެއްލުމުގައި ހިންގަމުން އަންނަ ކުންފުންޏެއް ކަމަށާއި އޭގެ އިތުރަށް ކޮވިޑާ ގުޅިގެން އިތުރަށް މާލީ ދަތިތައް އެކުންފުންޏަށް ކުރިމަތިވެގެން ދިޔަ ކަމަށެވެ.

ރައީސް ވިދާޅުވީ އިންޓަނޭޝަނަލް ފްލައިޓްތަކުން ފައިދާ ލިބޭނެ ގޮތްތަކެއް ހޯދުމަށް ބޭރުގެ ކުންފުނިތަކާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އަދި ސީޕްލޭންގެ ހިދުމަތް އިތުރަށް ފުޅާ ކުރުމަށް އިތުރަށް އިންވެސްޓް ކުރެވިދާނެ ގޮތްތައް ހޯދައި އެމަސައްކަތް ކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

"ގައުމީ އެއާލައިން ރަނގަޅު ކުރުމަށްޓަކައި ބޭރުގެ ބައެއް ފަރާތްތަކާވެސް އަޅުގަނޑުމެން ވާހަކަ ދައްކަމުން އެބަ ގެންދަން. ޖޮއިންޓް ވެންޗާއެއް ހެދުމާ ބެހޭ ގޮތުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އައިލެންޑް އޭވިއޭޝަނާ އެކު ޖޮއިން ވެންޗާއެއް ހަދަން މަޝްވަރާ ކުރަނީ މެދުއިރުމަތީގެ ކުންފުނިތަކާ އެކު ކަމަށެވެ. ނަމަވެސް އެއީ ކޮން ކުންފުނިތަކެއް ކަމެއް ރައީސް ހާމައެއް ނުކުރައްވައެވެ.

ރައީސް ވިދާޅުވީ ގައުމީ އެއާލައިނެއް އޮތުން ރާއްޖެއަށް ވަރަށް މުހިންމު ކަމަށާއި ހާއްސަކޮށް އެތެރޭގެ އުދުހުންތަކަށް މުހިންމު ކަމަށެވެ. އޭގެ ސަބަބުން ނުސީދާކޮށް ލިބޭނެ ވަރަށް ފައިދާތައް އެބަހުރި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.