ސަރުކާރުން ފޮނުވި ގޮތަށް ނަފުރަތުގެ ބިލް ފާސްކުރަން ނޭދޭ ކަމަށާއި ރައްޔިތުން އެދޭ އިސްލާހު ގެންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން (ލާދީނީ ކިޔުން) އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން، ނަފްރަތުގެ ބިލް މަޖިލީހަށް ހުށަހަަޅާފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިނެވެ.

މެއި ހައެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިޒަމްގެ ހަމަލާއެއް ދިނީ، އެމަނިކުފާނަކީ ލާދީނީ ބޭފުޅެއް ކަމަށް ތުހުމަތުކޮށް، އުފެއްދި ނަފުރަތުގެ ތެރެއިން ކަމަށް އެމްޑީޕީން ބުނަމުން ދަނިކޮށް އެގޮތަށް ނަފުރަތު އުފައްދާ ފަރާތްތަކަށް ޖަލުގެ އަދަބު ކަނޑައަޅައި ގާނޫނުލް އުގުބާތަށް އިސްލާހު ގެންނަން ބިލު މަޖިލީހަށް ފޮނުވީ ސަރުކާރުންނެވެ.

ނަމަވެސް 100 އަށްވުރެ ގިނަ ދީނީ އިލްމުވެރީންނާއި، ގިނަ އަދަދެއްގެ އާއްމުންނާއި، ގިނަ ކައުންސިލްތަކަކުން ވަނީ، އެ ބިލުގައި ހިމެނޭ ކަންތައްތަކަށް ދެކޮޅު ހަދައިފައެވެ.

އެ ބިލު ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް ގެނައި ނަމަވެސް އެ ދެކޮޅުހެދުންތަކާ ގުޅިގެން ބިލު ވަނީ ފާސް ނުކޮށް އަލުން ކޮމިޓީއަށް ފޮނުވާލައިފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ސަރުކާރުން މަޖިލީހަށް ފޮނުވާ ކޮންމެ ބިލަކީ އެ އޮތް ގޮތަށް ފާސްކުރަން ޖެހޭ ބިލެއް ނޫން ކަމަށެވެ. އެ ބިލުގައި އިސްލާހު ކުރަން ޖެހޭ ކަންކަމާއި ބަދަލު ކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނަފްރަތުގެ ބިލު ފޮނުވުމަށްފަހު، އެ ބިލަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ދެކެވަޑައިގެންނެވި ކަމަށާއި ގެންނަން ޖެހޭ އިސްލާހުތައް މަޖިލީހަށް ހުށަހެޅި ކަމަށެވެ. އަދި ސަރުކާރުން އެ ބިލް ފޮނުވި ގޮތަށް ބިލް ފާސް ކުރުމަކީ އެދޭ ކަމެއް ނޫން ކަމަށާއި އެ ބިލަށް ގެންނަން ޖެހޭ އިސްލާހުތަކެއް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

"ނަފްރަތުގެ ބިލް އަޅުގަނޑުމެން ފޮނުވުމަށްފަހުގައި އެއާ ދޭތެރޭގައި ވިސްނި އިރުގައި އާންމުންގެ ވިސްނުން ހުރިގޮތުން އެ ބިލަށް އިސްލާހުތަކެއް ގެންނަން ޖެހޭ. އެ އިސްލާހުތައް އަޅުގަނޑުމެން ވާނީ މަޖިލީހަށް ހުށަހަޅާފައި. ކޮމިޓީ ސްޓޭޖްގައި އޭގެ ބައެއް އިސްލާހުތައް ގެނެވިފައިވާ ކަމަށްވެސް ގަބޫލު ކުރަން. ސަރުކާރުން އެއިރު ފޮނުވި ގޮތަށް ބިލް ފާސް ކުރުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫން. އެއަށް ގެންނަން ޖެހޭ އިސްލާހުތަކެއް އެބަހުރި. އެ އިސްލާހުތަކާއެކު ބިިލް ފާސްވެގެން ދިއުން އަޅުގަނޑު އެދެނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްޑީޕީއަކީ އެކި ހިޔާލުތަކުގެ މީހުން އުޅޭ ޕާޓީއެއް ކަމަށާއި ބައެއް ފަހަރު ހިޔާލުތަފާތުވުންތައް އުފެދޭނެ ކަމަށެވެ. ނަމަވެސް އެއީ ބޮޑުކަމަކަށް ހަދައި އެކަމަށް ރައްދުދިނުމަކީ ދެކޭ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.