ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ޔަގީން ނުވާ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އަދި ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ދެއްކެވި ވާހަކައާ ގުޅިގެން، އޭނާއަށް ފިޔަވަޅު އެޅުމަށް ރައީސް އެންގެވި ކަމަށް އަފީފް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ޔަގީން ނުވާކަމަށް ވިދާޅުވެ އަފީފު ވާހަކަ ދެއްކެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި ހަ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާ ގުޅޭ ގޮތުން ސަރުކާރުން ކަންތައް ކުރަމުންދާ ގޮތަށް ފާޑު ވިދާޅުވެ، ދިވެހި ޗެނަލްގެ ޕްރޮގްރާމެއްގައެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަމީމާއި އެމްޑީޕީގެ ޕީޖީ ލީޑަރު، އަދި މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްވެސް ވަނީ އަފީފަށް ރައްދުދެއްވައިފައެވެ. އެގޮތުން އެފަދަ ވާހަކައެއް އެމްޑީޕީގެ މަޖިލިސް މެމްބަރަކު ވިދާޅުނުވާނެ ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ.

ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި މިރޭ އަފީފް ވިދާޅުވީ ރައީސް ސޯލިހު އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ޔަގީން ނުވާކަމަށް ވިދާޅުވެ ދެއްކެވި ވާހަކައާ ގުޅިގެން ޕާޓީގެ ފަރާތުން އޭނާއަށް ފިޔަވަޅު އެޅުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.

"ކުރީ ރޭ އަޅުގަނޑު ބުނި އެއްޗަކުން މިހާރު މިހުރީ އަޅުގަނޑަށް ޕާޓީގެ ފަރާތުން ފިޔަވަޅު އަޅަން ރައީސުލްޖުމްހޫރިއްޔާ އަންގަވާފަ. މިރޭ އަނެއްކާ ނޭނގެ ކޮންކަހަލަ ފިޔަވަޅެއް ކަމެއް އަޅުއްވާނީކީވެސް. ރައީސް އަންގަވާފަ އޮތީ ފިޔަވަޅު އަޅުއްވަން،" އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ އެގޮތަށް ފިޔަވަޅު އަޅަން އަންގާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ހިތްޕުޅު ހަމަނުޖެހޭ ވާހަކައެއް ދެއްކެވުމުން ކަމަށެވެ. ނަމަވެސް އަޅަން ނިންމާފައިވަނީ ކޮން ފިޔަވަޅެއް ކަމެއް ސާފު ނުވާ ކަމަށް ވިދާޅުވިއެވެ.

"އެއީ ރައީސުލްޖުމްހޫރިއްޔާ ހިތްޕުޅު ހަމަނުޖެހޭ ވާހަކައެއް ދެއްކެވީމަ. އަޅުގަނޑަށް އެނގެނީ (ފިޔަވަޅު އަޅަން) އަންގަވާފައި އޮތްކަން،" އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ޕީޖީ ލީޑަރު އަލީ އާޒިމްވެސް ކުރެއްވި ޓުވީޓުން އޭނާއަކީ ޕާޓީ މެމްބަރެއް ނޫން ކަމަށް ދޭހަވާ ގޮތަށް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އޭނާއަކީ އެޕާޓީގެ މެމްބަރެއް ނޫން ކަމަށް ވެދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަފީފް މިރޭވެސް ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި މިހާރު ތިއްބަވަނީ އަދާލަތު ޕާޓީގެ ބޭފުޅުން ކަމަށާއި އެބޭފުޅުންގެ ނުފޫޒު ވަރަށް ބޮޑަށް ރައީސް ސޯލިހަށް ފޯރުވަމުންދާ ކަމަށް އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުންނަށް އަދާލަތު ޕާޓީގެ ބޭފުޅުން ލާފައިވަނީ، އެމްޑީޕީއަށްވުރެ ބޮޑަށް އަދާލަތު ޕާޓީއަށް އިތުބާރު ކުރައްވާތީ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރައްވާ ގޮތުން މިހާރު ރައީސް ހުންނެވީ އަދާލަތު ޕާޓީގައި ނޫން ކަމަށް ދަންނަވަން ދަތި ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި ލީޑަރަކަށް އެންމެ ބޮޑު ތާއީދެއް އޮތީ ރައީސް ނަޝީދަށް ކަމަށާއި އަދިވެސް ގިނަ ރައްޔިތުން ބޭނުންވަނީ އެގޮތް ކަމަށެވެ. ނަމަވެސް އެމްޑީޕީން ނުކުންނާނެ މެމްބަރެއް ހޮވާނީ ޕްރައިމަރީން ކަަމަށާއި ރައީސް ސޯލިހަށް ސަޕޯޓު އޮތް ކަމަށް ޔަގީންވާނަމަ، ޕްރައިމަރީގައި ވާދަކުރުމަށް އަފީފް ގޮވާލެއްވިއެވެ.