ފަންޑު މެނޭޖްމަންޓު ކުރުމާއި އެޑްވައިޒަރީ ހިދުމަތްދޭ ކުންފުންޏެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފައްދައިފިއެވެ.

"ފަސްޓް ނެޝަނަލް ފައިނޭންސިން ކޯޕަރޭޝަން"ގެ ނަމުގައި އުފައްދާފައިވާ މި ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި މާލީ ދާއިރާގައި ތަޖުރިބާ ހުރި ދިވެހި ބޭފުޅުންތަކެއް ހިމެނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ މަހުގެ ތެރޭގައި އެ ކުންފުނީގެ ފުރަތަމަ ބޯޑު މީޓިން ވަނީ ބާއްވައިފައެވެ. އަދި އެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯގެ މަގާމަށް ކުރީގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވަނީ އައްޔަނުކޮށްފައެވެ.

އެ ކުންފުނީގެ ޗެއާޕާސަން އައްޔަނުކުރީ ރިފާއަތު ޖަލީލެވެ. އޭނާއަކީ މާލީ ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ސަޓިފައިޑް ޕަބްލިކް އެކައުންޓެންޓެކެވެ.

ދެން އެ ކުންފުނީގެ ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ހަސަން މުހައްމަދެވެ. އޭނާއަކީ ކްރޯ ގްލޯބަލް ނެޓްވޯކް ފާމެއް ކަމަށްވާ ކްރޯ މޯލްޑިވްސްގެ ޕާޓްނާ އަދި ޑައިރެކްޓަރެވެ. އަދި އޭނާއަކީ ޗާޓަޑް އެކައުންޓެންޓްސް މޯލްޑިވްސްގެ ރައީސެވެ. އޭގެ އިތުރުން އޭނާ އަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް އިންޓާނަލް އޮޑިޓް ކޮމިޓީގެ ޗެއާވެސްމެއެވެ.

މީގެ އިތުރުން ޕެންޝަން ފަންޑުގެ ކުރީގެ ސީއެފްއޯ އަބްދުލް ހަލީމް އަބްދުއްލަތީފްވެސް މި ކުންފުނީގައި ހިމެނެއެވެ. އޭނާއަކީ އެކުންފުނީގެ ޗީފް އިންވެސްޓްމަންޓް އޮފިސަރެވެ. އޭނާއަކީ ކްރޯ އެޑްވައިޒަރީގެ މެނޭޖިން ޑިރެކްޓަރެވެ. އަދި އޭނާ އަންނަނީ ޕެންޝަން ފަންޑުގެ ބޯޑުގެ މެމްބަރުކަމާއި ރެޑްކްރެސެންޓް މޯލްޑިވްސްގެ ރައީސްގެ މަގާމު ވެސް އަދާކުރައްވަމުންނެވެ.

މި ކުންފުނި އުފައްދާފައިވަނީ 60 ޕަސެންޓް ފައުންޑަރުންގެ ހިއްސާ އޮންނަ ގޮތަށެވެ. އަދި 40 ޕަސެންޓް ހިއްސާވާނީ ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން ހޮވާލެވޭ އިންވެސްޓަރުންނެވެ.