ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުމުގެ ސައްހަކަން ކަށަވަރު ކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމެޓީ)އަށް ހުށަހަޅަން ނިންމައިފިއެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކި ކުރުމަށް ފުލުހުންގެ ބޯޑުން އިއްޔެ ވަނީ ނިންމައިފައެވެ. އަދި އެކަން ތަންފީޒު ކުރުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ނަންތައް ވަނީ ފޮނުވައިފައެވެ.

މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުމަކީ ގާނޫނާ އެއްގޮތަށް، ސައްހަގޮތުގައި ކުރިކަމެއްތޯ ކަށަވަރުކުރުމަށްޓަކައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމި ނިންމުމުގެ މައްސަލަ ނާޒިމު މަޖިލީހަށް ހުށަހަޅާފައި މިވަނީ އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ގެންދަނިކޮށެވެ.

އެގޮތުން ފުލުހުންގެ ބޯޑުގެ އެ ނިންމުން، ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ ތިބެ އަލުން މުރާޖައާ ކުރުމަށް އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ގޮވާލައިފައެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުންގެ ލީޑަޝިޕްގައި ތިއްބަވަނީ ގާބިލު ބައެއްތޯ ފުލުހުންގެ ބޯޑުން ކަށަވަރުކުރަން ޖެހެއެވެ. އަދި އެކަން ކުރަން އަންގާފައި އޮންނަނީ ގާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައެވެ. އިއްޔެއަށް އެ މުއްދަތު ވަނީ ހަމަވެފައެވެ.

  • އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
  • އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
  • އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
  • ޗީފް ސުޕްރިޓެންޑެންޓް މުހައްމަދު ދާއޫދު

ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިހުތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭތޯ ބަލަން ޖެހޭނެއެވެ.

އަދި އެފަދަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓުކުރެވިފައިވާ އޮފިސަރުންނަކީ މަގާމަށް އެކަށޭނަ ތައުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާ އާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުން ކަމާމެދު ގޮތެއް ޕޮލިސް ބޯޑުން ކަނޑައެޅަން ޖެހޭނެއެވެ.

އެކަމާ ގުޅިގެން ޕޮލިސް ބޯޑުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ގާނޫނުން ޕޮލިސް ބޯޑާ ހަވާލުކޮށްފައިވާ އެއް މަސްއޫލިއްޔަތަކީ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނާ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުންނަކީ މަގާމަށް އެކަށޭނަ ތައުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާ އާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުން ކަމާމެދު ގޮތެއް ކަނޑައެޅުން ކަމަށެވެ.

އެގޮތުން އޮފިސަރުންގެ ގާބިލުކަން ވަޒަން ކުރުމަށް ކުރި މަސައްކަތަށް ކަނޑައެޅިފައިވާ ތާރީހަށް މަސައްކަތް ނިންމުމަށްފަހު، ގާނޫނުގައިވާ ގޮތުގެ މަތީން އެކަން ތަންފީޒު ކުރުމަށް ސީޕީ ހަމީދަށް މިއަދު ހުށަހަޅާފައިވާ ކަމަށް ބަޔާނުގައިވެއެވެ.