ފުލުހުންގެ ހިދުމަތުގެ އިސްލާހަށް އިސް އޮފިސަރުންތަކެއް މަގާމުން ވަކި ކުރަން ފުލުހުންގެ ބޯޑުން ނިންމާފައިވަނީ ވެރިކަން ކުރާ ކޯލިޝަނުގައި ހިމެނޭ މައި ޕާޓީ އެމްޑީޕީން ބަދަލު ހިފުމަށް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
އެނގިފައިވާ ގޮތުގައި ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަކި ކުރުމަށް ފުލުހުންގެ ބޯޑުން އިއްޔެ ވަނީ ނިންމައިފަ އެވެ. އަދި އެކަން ތަންފީޒު ކުރުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ނަންތައް ވަނީ ފޮނުވައިފަ އެވެ.
އެކަމާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ފުލުހުންގެ އިދާރާ އިސްލާހުކުރުމަށް ކަމަށް ބުނެ ސަރުކާރާއި އެމްޑީޕީ ގެ ސިޔާސީ ނުފޫޒާއެކު އެ މުއައްސަސާގެ ޕްރޮފެޝަނަލް އަދި އިސް މަގާމުތަކެއްގައި ތިއްބެވި އޮފިސަރުންތަކެއް ވަކި ކުރުމަށް ނިންމި ނިންމުމަކީ އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެއީ އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ފުލުހުންނާއި ސިފައިންނަށް ސިޔާސީ ނުފޫޒު ފޯރުވުމަށް ހިންގަމުން ގެންދާ ޖަރީމާ ތަކަށް އިތުރުވެގެންދާ ބޮޅެއްގެ ގޮތުގައި ރައްޔިތުން ސިފަ ކުރާ ކަމަށް ވެސް އިދިކޮޅުން ވަނީ ބުނެފަ އެވެ.
އެގޮތުން ފުލުހުންގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން އެކުލަވާލާފައިވާ ޕޮލިސް ބޯޑަކީ އެމްޑީޕީން ބޭނުންވާ ގޮތަށް ކަން ކުރާނެ ބަޔަކު ހިމަނައިގެން އެކުލަވާފައިވާ ބޯޑެއްގެ ގޮތުގައި ބެލެވިފައިވާ ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެއީ އެމްޑީޕީގެ ސިޔާސީ މުހުތާދުތަކެއް ފުއްދުމުގެ ބޭނުމުގައި ކުރި ކަމެއް ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
"އެއީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުން ވެސް ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލައި އެމުއައްސަސާ ސިޔާސީ ކުރަން ކުރި މަސައްކަތް ކާމިޔާބު ނުވެ ރައްޔިތުންނަށް ލިބިދޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައި ރައްޔިތުންނަށް އަނިޔާކޮށް ބިރުވެރިކަން ފެތުރުމަށް މަސައްކަތްކޮށް ވެރިކަން ކުރާން ނޭނގި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި އެކަން ފުލުހުންނާއި ސިފައިންނާ މަތިކޮށް ބަދަލު ހިފުމަށް ކުރަމުން ގެންދާ މަސައްކަތެއްގެ ގޮތުގައި މިކޯލިޝަން ދެކެމެވެ،" އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުންގެ މުއައްސަސާއާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވައި، އެ މުއައްސަސާގެ އިސް ވެރިންތަކެއް ވަކި ކުރަން ޖެހޭ ކަމަށާއި، އަދި އެ މުއައްސަސާގެ އިސް އޮފިސަރުންތަކަކާ މެދު ބަދަލު ހިއްޕެވުމުގެ ރޫހު ހުރިކަން ދޭހަވާ މޭރުމަކުން މަޖިލީހުގެ ޖަލްސާތަކުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވާކަން އެނގެން ހުރި ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.
"ފުލުހުންނާއި ސިފައިން ފަދައިން ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވިފައިވާ މުއައްސާތައް ސިޔާސީ ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށާއި އެމްޑީޕީގެ ރައީސް، ރައީސް މުހުއްމަދު ނަޝީދަށް ގޮވާލަމެވެ،" އިދިކޮޅުން ބުންޏެވެ
ފުލުހުންގެ ބޯޑު ގެ އެ ނިންމުން، ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ ތިބެ އަލުން މުރާޖައާ ކުރުމަށް އިދިކޮޅު ކޯލިޝަނުން ވަނީ ގޮވާލާފަ އެވެ.
ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުންގެ ލީޑަޝިޕްގައި ތިއްބަވަނީ ގާބިލު ބައެއްތޯ ފުލުހުންގެ ބޯޑުން ކަށަވަރުކުރަން ޖެހެއެވެ. އަދި އެކަން ކުރަން އަންގާފައި އޮންނަނީ ގާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައެވެ. އިއްޔެއަށް އެ މުއްދަތު ވަނީ ހަމަވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު