ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދެން ރާއްޖޭގެ ވެރިކަމަށް ވަޑައިނުގެންނެވޭނެކަން އެމަނިކުފާނު ގަބޫލުފުޅުކުރައްވަން ޖެހޭ ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން މޫސަ ވިދާޅުވީ ރައީސް ނަޝީދު މިހާރު ސިޔާސީ ދާއިރާއިން މުސްކުޅިވެ ވަޑައިގެންފައިވާކަން ގަބޫލުފުޅުކުރައްވަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުގެ ނަސޭހަތަކީ ރައީސް ނަޝީދު ގަބޫލުފުޅުކުރައްވާށޭ މިހާރު ސިޔާސީ ދާއިރާއިން މުސްކުޅިވެ ވަޑައިގެންފިއޭ. ގަބޫލުކުރައްވާށޭ ދެން ވެރިކަމަކަށް ނާދެވޭނެ. ދިވެހިރާއްޖޭގައި އޮތީ ދެ ގޮތަކަށް އޮންނަ ފިކުރެއް. ފުރުތަމަ އުފެދިގެން އައި އިރު އޮތީ ހުދުމުހުތާރު އުސޫލުތަކަކާއި ޑިމޮކްރަސީއަށް މަސައްކަތްކުރި ބަޔަކާ. އޭގެ ފަހުން ދެން އައިސްފައި މިއޮތީ އިދިކޮޅު ޕާޓީއަކާއި ވެރިކަން ކުރާ ޕާޓީއަކާ. އެއް ބަޔަކު ގޮވާނީ ވަގަށް، އަނެއް ބަޔަކުވެސް ގޮވާނީ ވަގަށް. ވަގު ފިކުރުގެ ދެ ފިކުރު މި އިންނަނީ. އެއް ބަޔަކު ވަގަށް، އަނެއް ބަޔަކު ޓެރަރިޒަމަށް،" އޭނާ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ އެމްޑީޕީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރިހަމަ މެޖޯރިޓީ އެބައޮތް ކަމަށާއި އެކަމަކު ރައީސް ނަޝީދަށް ދެރަވާނެ ކަމެއް ރައީސް ސޯލިހު ނުކުރައްވާނެ ކަމަށެވެ. އަދި ރައީސް ނަޝީދަކީ ވެސް އެމްޑީޕީކަން މޫސަ ފާހަގަކުރެއްވިއެވެ.
"ރައީސް ނަޝީދާ ނުލައެއް ވެސް ނުހިންގޭނެ. އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން އެއީ. ރައީސް ނަޝީދު ވެސް ހުންނަވަން ޖެހޭ. މިއޮތް ހުރިހާ ޒަމާނަކު ހުންނަމުން ހުންނަމުން އައިސް ޕާޓީގެ ރަސްގެފާނަށް ވެފައި އެހުރީ. އެހެންވީމާ ރަސްގެފާނަކާ ވެސް ދުރެއް ނުވެވޭނެ. އެކަމަކު ރަސްގެފާނު މިހާރު ބައިންދަންވީ ވަރަށް ރަނގަޅަށް. އަޅުގަނޑު ވެސް ބޭނުމެއް ނުވޭ ރައީސް ނަޝީދު ވެސް މަޑުމަޑުން އަބްދުއްރަހުމާން ވާހިދަށް ވާކަށް. އިންޑޮނޭޝިއާގެ ވެރިކަމަށް އައި މީހެއް، އަނދިރި ބޭފުޅެއް. އެންމެ ފަހުން ވެރިކަމުން ދުރުވެއްޖެއޭ ބުނީމަ ވެސް ގަދަކަމުން ގޮނޑީގައި ނަގައިގަނެގެން ބޭރަށް ލާން ޖެހުނީ. ރައީސް މައުމޫނަށް ވެސް އެހެން ވެވަޑައިގެންފައި ހުރީ. އެހެން ނުވާން ވެއްޖެ ރާއްޖޭގެ ވެރިކަމަށް އަންނަ މީހުން،" އޭނާ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ ޕާލަމަންޓަރީ ގްރޫޕުން ނިންމާ ކަންތައްތަކުގައި ކުރިން ވެސް ޒުވާބު ކޮށްފައި ހުންނާނެ ކަމަށާއި ނަމަވެސް އެކަމަކީ ޕަބްލިކަށް ނުކުމެ މީހުން ތެރޭ ކިޔާ އެއްޗެއް ނޫން ކަމަށެވެ. އަދި ކުރިން އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުގައި މޫސަ ހުންނެވި އިރު، ރައީސް ނަޝީދު ރުޅިއައިސްގެން އޭނާއާ ދިމާއަށް ކިތަންމެ އެއްޗެއްސެއް ކިޔަސް އެ ވާހަކަ އާންމުންގެ ތެރޭގައި ދައްކާފައިނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު