ރާއްޖެއަށް ދިމާވެފައިވާ މޫސުމީ ގޮންޖެހުންތަކާއެކު ރާއްޖެ ނެތި ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރައްވައިފިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިންޓަގަވަރުމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖު (އައިޕީސީސީ) އިން މިއަދު ނެރުނު ރިޕޯޓަށް އިޝާރާތް ކުރައްވައި ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ އެމްބެސަޑަރުކަން ވެސް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެ ރިޕޯޓުން ރާއްޖެ ފަދަ މޫސުމީ ބަދަލުތަކުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިފައި އޮންނަ ގައުމުތައް ނެތިގެން ހިނގައިދާނެ ދުވަސް ކައިރުވަމުންދާ ކަން އެނގިފައިވާ ކަމަށެވެ.
"މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެންމެ ކުރީ ސަފުގައި މިތިބީ ރާއްޖެ ފަދަ ކުދި ގައުމުތަކުން،" ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ފަގީރު ގައުމުތަކުން މީހުން މަރުވާކަން ތަނަވަސް ގައުމުތަކުން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.
"އެހެން ގައުމުތަކުން އަންދާ ފޮސިލް ފިއުލްގެ ސަބަބުން އަޅުގަނޑުމެންނަށް އޭގެ ނޭދެވޭ އަސަރު މިކުރަނީ. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން. މިއީ އިންސާފެއްވެސް ނޫން،" ނަޝީދު ވިދާޅުވިއެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުގެ 230 އަށްވުރެ ސައިންޓިސްޓުން ހިމެނޭ ގޮތަށް އެކުލަވާލި ރިޕޯޓަކީ ފަހުގެ ތާރީހެއްގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެކުލަވާލި އެންމެ ފުރިހަމަ ރިޕޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު