އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރާއްޖެއަށް ފުރަތަމަ ޕެރައެތުލީޓްސް މެޑަލް ހޯދައިދިން މުހައްމަދު މާޒިންއަށް ޓެކްސީ ޑްރައިވަރަކު އޮޅުވާލި މައްސަލަ ފުލުހުންނަށް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

ވެސްޓްޕާކް ސަރަހައްދުން މާޒިން، އަވަސް ރައިޑް އެޕް މެދުވެރިކޮށް ޓެކްސީއެއް ނެގީ ހުޅުމާލެ ދުވާ ޓްރެކަށް ދާށެވެ. ނަމަވެސް ޓެކްސީ ޑްރައިވަރު ވަނީ އޭނާއަށް އޮޅުވާލައި އެހެން ތަނަކަށް ބާލައިފައެވެ.

"ވަން" އަށް މައުލޫމާތު ދެމުން މާޒިން މިއަދު ބުނީ މިއީ ދުވަހަކުވެސް އޭނާގެ ހަޔާތުގައި ދިމާވެފައި ނުވާ ހާދިސާއެއް ކަމަށެވެ. އަދި ބުނީ މިކަން ހިނގީ މިމަހުގެ ހަތަރުވަނަ ދުވަހު ކަމަށާއި އޭގެ ފަހުން ބަންދު ދުވަސްތައް އައުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށެވެ.

މާޒިން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެފައިވާ ކަމަށާއި މިއަދު ނޫނީ މާދަމާ މި މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށެވެ.

"މިހާރު ހުރިހާ ލިޔެކިޔުންތައް ރެޑީ ކޮށްފަ. މިއަދު ނޫނީ މާދަމާ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާނަން. އެކަމަކު އަޅުގަނޑަށް މައުލޫމާތު އެބަ ލިބޭ ފުލުހުންގެ ސަމާލުކަމަށް މި މައްސަލަ އައިސްގެން އެބޭފުޅުން އަމިއްލައަށް މި މައްސަލަ ބަލަން އަޅުގަނޑުގެ ކޮންޓެކްޓެއް ހޯދި ކަމަށް. އަދި އެކަމަކު އަޅުގަނޑަކަށް ނުގުޅާ." އޭނާ ބުންޏެވެ.

މާޒިން ބުނީ އާންމުކޮށް ޓެކްސީ ޑުރައިވަރުން އޭނާއާ މެދު ކަންތައް ކުރަނީ ވަރަށް އޯގާތެރިކޮށް ކަމަށާއި ގިނަ ފަހަރު ފައިސާވެސް ނުނަގާ ކަމަށެވެ. އަދި ޓެކްސީއަށް އަރަމުން އޭނާ އަކީ ލޯފަން މީހެއް ކަމަށް ބުނާ ކަމަށްވެސް އޭނާ ބުންޏެެވެ.

ޓެކްސީން ދަތުރުކުރާ އިރު ލޮލަށް ނުފެނުނު ކަމުގައިވީނަމަވެސް މާޒިން ބުނީ އޭނާ އަކީ އެ ދަތުރުކުރާ މަގު އެނގޭ މީހެއް ކަމަށެވެ. ނަމަވެސް އެ ދުވަހު އޭނާ ޓެކްސީއަށް އެރި ވަގުތު ފޯނު ކޯލެއް އައުމުން ރޫޓު ގެއްލުނީ ކަމަށް ބުންޏެވެ. އަދި ޓެކްސީއަށް އެރިތާ މާގިނަ އިރެއް ނުވެ ޓެކްސީ މަޑުކުރި ކަމަށާއި އެކަމާ އޭނާ ސުވާލުވެސް ކުރި ކަމަށް ބުންޏެވެ.

މާޒިން ބުނީ ޑުރައިވަރާ ސުވާލު ކުރުމުން އެއީ ހުޅުމާލޭ ދުވާ ޓްރެކޭ ބުނެ އެތަނަށް ބާލުވައި އަތުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް އެތާ ހުރި ހޮޅިދަނޑިއެއް ކައިރީގައި ބަހައްޓާފައި މިތާ ހުންނާށޭ ބުނެފަ އޭނާ ދިޔައީ ކަމަށެވެ. ނަމަވެސް އެތަނަށް ފޭބުމުންވެސް އެއީ ހުޅުމާލޭ ދުވާ ޓްރެކް ނޫންކަން އިހުސާސްވެ އަދި ފައިން ބިންމަތީގައި ޖަހާލުމުންވެސް އެތަން ނޫންކަން ޔަގީންވި ކަމަށެވެ. އެކަން ޑުރައިވަރު ގާތު ބުނުމުންވެސް އިތުރު ވާހަކައެއް ނުދައްކައި ދިޔައީ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ހިތަށް އެރި މިއީ ހާދަ އެހެން ކަހަލަ ޑުރައިވަރެކޭ. ގަދަ ހަދައިފިއްޔާ އަނިޔާއެއްވެސް ދިފާނެޔޭ. އެހެންވެ ދެން މާބޮޑަށް އަޅައެއް ނުލަން. ލޯފަން މީހެއް ކަމަކު އެއީ އަޅުގަނޑު ހަޔާތުގައި ދުވަހަކުވެސް ހިނގި ކަމެއް ނޫން. އަޅުގަނޑަށް މިވީ ގޮތަށް އެހެން މީހަކަށް ވާކަށް ބޭނުމެއް ނޫން. މިއީ ވަރަށް ދެރަ ކަމެއް." އޭނާ ބުންޏެވެ.

މާޒިން ބުނީ އެ ޓެކްސީ ޑުރައިވަރު އޭނާ ބޭލީ މާލޭ ދުވާ ޓްރެކް ކައިރިއަށް ކަމަށާއި އެތަނުން އޭނާ ބަލާ އައީ ގައިޑު ކަމަށެވެ. އަދި ދިމާވި ކަންތައް އަވަސް ރައިޑަށް ގުޅާފައި ކިޔައިދިން ކަމަށާއި އެތަނުގެ ބޮޑު މީހަކު ގުޅާފައި މައާފަށް އެދުނު ކަމަށްވެސް ބުންޏެވެ.

މާޒިން ތައްޔާރުވަމުންދަނީ މިމަހު ޖަޕާނުގައި ބާއްވާ ޕެރަލިމްޕިކްސް ގޭމްސްގައި ވާދަ ކުރުމަށެވެ.

މިކަމާ ގުޅިގެން "ވަން" އިން އަވަސް ރައިޑަށް ގުޅާލުމުން އެތަނުގެ އިސްވެރިޔަކު ބުނީ މިވަގުތު އެކަމަށް އެއްވެސް ކޮމެންޓެއް ދޭން ބޭނުން ނުވާ ކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއްވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ.