ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ޔަގީން ނުވާ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އަދި ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ދެއްކެވި ވާހަކަފުޅަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަމީމު (އަނދުން ހުސެއިން) ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ޔަގީން ނުވާކަމަށް ވިދާޅުވެ އަފީފު ވާހަކަ ދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި ހަ ވަނަ ދުވަހުގެރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ސަރުކާރުން ކަންތައް ކުރަމުންދާ ގޮތަށް ފާޑު ވިދާޅުވެ، ވާހަކަދައްކަވަމުން ދިވެހި ޗެނަލްގެ ޕްރޮގްރާމެއްގައެވެ.

އަފީފު ވިދާޅުވީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް އެތައް ޒަހަމުތަކެއް ލިބިފައިވީ އިރުވެސް "މާ ބޮޑު ކަމެއް ނުވާ" ކަމާއި ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށް އަދާލަތު ޕާޓިގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެފައިވާ އިރު، ރައީސް ސޯލިހުގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި މިހާރު ތިބީ އަދާލަތު ޕާޓިގެ މެންބަރުން ކަމަށެވެ.

ރައްޔިތުން، ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބު ކުރަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ކަމަށާއި އެފަދައިން އަމަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާއެއްގެ މައްޗަށް ލާޒިމްވާ ކަމެއް ކަމަށްވެސް އަފީފު ވިދާޅުވިއެވެ.

ނަމަވެސް ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ސަރުކާރުން އެއްވެސް ވަރަކަށް ކަންބޮޑުނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އަފީފް އިތުރަށް ވިދާޅުވީ މެއި ހައެއްގެ ހާދިސާއާ ގުޅިގެން ދައުވާ ކޮށްފައިވާ ހަތަރު މީހުންނާ ހިސާބުން އެ މައްސަލަ ނިންމައިލެވެން ނެތް ކަމަށާއި އެއީ އެއަށްވުރެ މާ މަތީ ލެވެލްއެއް ޝާމިލުވެފައިވާނެ ކަމެއްކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

އެކަމުގައި ސީދާގޮތުން ބައިވެރި މީހުން ބުނަން ނޭނގޭ ކަމަށާއި ނަމަވެސް ތަހުގީގުން އެ ހާދިސާއާ ގުޅިގެން ހޯދަންޖެހޭ ހުރިހާ މައުލޫމާތެއް ހޯދަންޖެހޭނެ ކަމަށްވެސް އަފީފް ވިދާޅުވިއެވެ. އެގޮތުން އެކަމުގެ އަސްލަށް ވާސިލުވާންޖެހޭ ކަމަށް އަފީފު ވިދާޅުވިއެވެ.

އަފީފަކީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާގޮތް ބެލުމަށް، އެމްޑީޕީން އެކުލަވައިލި މޭ ހައެއް ކޮމިޓީގެ ޗެއާޕާސަނެވެ.

އަފީފުގެ އެވާހަކަތަކަށް ރައްދު ދެއްވައި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދަކުނު ދާއިރާގެ މެންބަރު ހުސެއިން ޝަމީމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެ ވަޑައިގަންނަވާ ސިޔާސީ ޕާޓީ އޮޅިވަޑައިގަންނަވާނަމަ، އެވާ ގޮތަކީ އަމިއްލައަށް އޮޅުން ކަމަށެވެ.

ރައީސް ނަޝީދުގެ މައްސަލަ ކުރިއަށްދާ ގޮތާ މެދު އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ފާޑުކިޔަމުންދާ އިރު، އެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި ކުރީގެ ޕޮލިސް އިންޓެލް އަހްމަދު ފާތިހަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ދައުވާ ނުކުރަން ނިންމި މައްސަލައިގައި ވެސް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ދަނީ ފާޑު ވިދާޅުވަމުންނެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވީ، ފާތިހުގެ މައްޗަށް ދައުވާ ނުކަރަން ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތު ކުރުމަށް އެކަށީގެންވާ ހެކި އަދި ލިބިފައި ނެތުމުން ކަމަށެވެ.

ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމުމާ ގުޅިގެން އޭނާ ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލައިފައެވެ.