ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބދުﷲ ޖާބިރުގެ ޕާސްޕޯޓް ދޫކޮށްލުމުން އޭނާ މިއަދު ރާއްޖެ އިން ބޭރަށް ފުރައިވަޑައިގެންފި އެވެ.
ޖާބިރުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ، ސިވިލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ. އެއީ ޖާބިރާ ދެކޮޅަށް އެ ކޯޓަށް ހުށަހަޅާފައިވާ ފައިސާގެ މައްސަލައަކާ ގުޅިގެންނެވެ.
ޖުލައި މަހުން ފެށިގެން ހިފަހައްޓާފައިވާ ޖާބިރުގެ ޕާސްޕޯޓް އެއް މަސް ދުވަހަށް ދޫކޮށްލާފައިވާ ކަން އިމިގްރޭޝަނުގެ އޮފިޝަލަކު ވަނީ 'ވަން' އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
އެކަމާ ގުޅިގެން ޖާބިރު ވިދާޅުވީ، ޕާސްޕޯޓް ދޫކޮށްލުމުން ރާއްޖެ އިން ބޭރަށް ފުރައިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ދަތުރުކުރައްވަނީ ކޮންގައުމަކަށް ކަމެއް ވިދާޅުވެފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި ޖާބިރު ފުރައިވަޑައިގަތީ އެމެރިކާގެ ނިއުޔޯކް ސިޓީއަށެވެ.
ޖާބިރުގެ ޕާސްޕޯޓް ހިފެހެއްޓިކަމަށް މީގެ ދެ ދުވަސް ކުރިން މީޑިއާގެ ސަމާލުކަމަށް އައިސްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހުތުރު އެއްޗެހި ގޮވަމުން، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި އޭނާ ވަނީ އިހުތިޖާޖު ވެސް ކޮށްފަ އެވެ.
މެންދުރުގެ ގަދަ އަވީގައި މަޖިލީހުގެ ރަސްމީ ގޭޓު ކުރިމަތިން ޕޭމްންޓްގައި ޖާބިރު އިހުތިޖާޖު ކުރީ އެތަނުގައި އޮށޯވެގެންނާއި އިންށީންދެ އިނދެގެންނެވެ. އިރުކޮޅަކު އިހުތިޖާޖު ކުރުމަށްފަހު ޖާބިރުވެސް އެ ސަރަހައްދުން ދިޔައެވެ. އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ އަތުން އޭނާއަށް ލިބެންޖެހޭ ފައިސާތަކެއް ލިބިފައި ނުވާކަމަށް ބުނެ ކިނބިގަސްދޮށަށް ވަޑައިގެން ވެސް ޖާބިރު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު