ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވާލާފައިވާ ރެކޮމަންޑޭޝަންތަކަށް އަމަލު ކުރަން ރާވާފައިވާގޮތް ސަރުކާރުން އެންގުމުން ނޫނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައި ގަތުމަކީ ރުހޭ ކަމެއްނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރައީސް ނަޝީދު މާލެ ވަޑައިގަންނަވާނެކަމަށް، އެމަނިކުފާނުގެ އާއިލާއާ ހަވާލާދީ ބައެއް ނޫސްތަކުން ހާމަކުރުމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ހަސަން ލަތީފު ވިދާޅުވީ، އިންކުއަރީގެ ރެކޮމެންޑޭޝަނަށް އަމަލު ކުރަން ރާވާފައިވާގޮތް އެންގުމުން ނޫނީ އެނބުރި ރާއްޖެ ވަޑައި ގަތުމަކީ އޭނާ އެދޭނެ އަދި ރުހޭނެ ކަމެއްނޫން ކަމަށެވެ.

އެގޮތަށް ބުނަން ޖެހުނީ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ބޮން ގޮއްވާލުމުގެ ކުރިން ސަރުކާރަށް އެނގިފައިހުރި ކަންކަމަށް އަމަލު ކޮށްފައިހުރި ގޮތުން ކަމަށްވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ޖަރުމަންވިލާތަށް ވަޑައިގެން ދުވަސްކޮޅަކު ހުންނެވުމަށްފަހު ރައީސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދާ ހަވާލާދެއްވައި ނޫސްތަކުން ބުނެފައި ވަނީ ރައީސް ނަޝީދު މާލެ ވަޑައިގަންނަވާނީ، އަންނަ ސެޕްޓެމްބަރު މަހުގައި ކަމަށެވެ.

ރައީސް ނަޝީދުގެ ހާލުކޮޅު މިހާރު ވަރަށް ބޮޑަށް ރަނގަޅު ކަމަށްވެސް ޑރ. ނާޝިދު ވަނީ ވިދާޅުވެފައެވެ.