ކޮވިޑުގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން އޮތް ހިސާބަށް މިހާރު ފަތުރުވެރިކަން ގެންދެވިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން މުޅިންހެން އޮތީ ބަންދުވެފައެވެ. ނަމަވެސް މިއަހަރުން ފެށިގެން ފަތުރުވެރިން އަންނަ އަދަދު ވަނީ އިތުރުވާން ފަށައިފައެވެ.
ރާއްޖެ ޓީވީގެ "ފަަަލަ ސުރުހީ" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ވިސާ ދިނުން ހުއްޓާލުމާ ގުޅިގެން މިދިޔަ ދެ މަހެއްހާ ދުވަހު ރާއްޖޭގެ ފަތުރުވެރިކަން 50 އިންސައްތައަށް ދަށަށް ދިޔަ ކަމަށާއި ނަމަވެސް މިހާރު ފަތުރުވެރިކަން ރަނގަޅުވެ، ފަތުރުވެރިކަން އޮތީ 2019 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން އޮތް ހިސާބުގައި ކަމަށެވެ.
"މިހާރު އަޅުގަނޑުމެން މިހުރީ 2019 ވަނަ އަހަރާ ހަމައިގައި. އޮގަސްޓް މަހުގެ އެއްވަނަ ދުވަހާއި ދެވަނަ ދުވަހާއި ތިންވަނަ ދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު އޮގަސްޓް 2019ގައި އައި ފަތުރުވެރިންގެ އަދަދާ އެއްވަރު. އެހެންކަމުން މިއޮތީ އާދެވިފައި،" މައުސޫމް ވިދާޅުވިއެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ، މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރި ނަމަވެސް މިހާރުގެ އަންދާޒާއަކީ 1.3 މިލިއަން ފަތުރުވެރިން ރާއްޖެ އަންނާނެ ކަމަށެވެ.
"މިހާރު 1.3 މިލިއަން ފަތުރުވެރިން މިއަހަރު ނިމޭއިރުގައި އަންނާނެ ކަމުގެ އުންމީދުގައި އަޅުގަނޑުމެން މިތިބީ. އެކަން ހާސިލުވާނެ ކަމުގެ ޔަގީންކަން އެބައޮތް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ، ކޮވިޑުގެ ދަތި އުނދަގޫ ދުވަސްވަރުގައިވެސް ރާއްޖޭގައި ފަތުރުވެރިކަން ވަރަށް ރަނގަޅަށް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ދުނިޔޭގެ ގައުމުތަކުގެ އިތުބާރު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު