ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގެކޮޅު، ކިނބިގަސްގޮށުގޭގެ ބައެއް ތަކެއްޗަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގެއްލުންދިން މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ވެރިކަމަށް އައުމަށް ކުރި މަސައްކަތުގައި، ރިޔާސީ ކެމްޕޭނަށް ރައީސް މައުމޫނަށް 29 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ވިދާޅުވެ، އެ ރުފިޔާ ހޯދަން ޖާބިރު ވަނީ ފުލުހަށާއި ކޯޓަށް އެ މައްސަލަ ހުށަހަޅައިފައެވެ. ޖާބިރު ވަނީ 29 މިލިއަން ރުފިޔާ ރައީސް މައުމޫނަށް ނުދެއްކިއްޖެނަމަ މުގާބިލުގައި މއ. ކިނބިގަސްދޮށުގެ ދިނުމަށް އެއްބަސްވެފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

ނަމަވެސް ޖާބިރުގެ ފަރާތުން އެކަށީގެންވާ ހެކި ހުށަހަޅާފައިނުވާތީ، އެ މައްސަލަ ސާބިތުނުވާ ކަމަށް ކޯޓުންވެސް ވަނީ ނިންމައިފައެވެ. އަދި ފުލުހުންވެސް ވަނީ އެކަށީގެންވާ ހެކި ނެތުމުން އެ މައްސަލަ ކުރިއަށް ނުގެންގޮސްފައެވެ.

ރައީސް މައުމޫންގެ ފަރާތުން އެ ފައިސާ ނުދައްކާ ކަމަށް ވިދާޅުވެ، ޖާބިރު މިއަދު ވަނީ ކިނބިގަސްދޮށުގެއާ ހަވާލުވުމަށް އެގޭ ކައިރިއަށް ގޮސްފައެވެ. އަދި އެގޭގެ ފާރުމައްޗަށް އަރުވާފައިވާ ވެޔޮގަނޑަކަށް އޭނާ ވަނީ ގެއްލުންދީފައެވެ.

"މިހާރު އަޅުގަނޑު މިހުރީ ކިނބިގަސްދޮށުގެއާ ހަވާލުވެގެންނޭ. އަދުލު އިންސާފު ނެތީމާ އަމިއްލަައަށް އަދުލު އިންސާފު ގާއިމުކުރަމުން މިދަނީ،" ޖާބިރު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ކިނބިގަސްދޮށުގޭގައި ހުރި ބައެއް ތަކެއްޗަށް ގެއްލުންދިން މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުންޏެވެ.

ޖާބިރު، ކިނބިގަސްގޮށުގެއާ ހަވާލުވުމަށް ކަމަށް ވިދާޅުވެ، އެގޭ ކައިރީގައި އަޑުގަދަ ކުރުމަށްފަހު، އިރުކޮޅަކުން އޭނާ ވަނީ އެ ސަރަހައްދުން ގޮސްފައެވެ.

ޖާބިރު ވަނީ އިއްޔެވެސް މަޖިލިސް ކުރިމަތީގައި އިހުތިޖާޖުކޮށްފައެވެ. މެންދުރުގެ ގަދަ އަވީގައި މަޖިލީހުގެ ރަސްމީ ގޭޓު ކުރިމަތިން ޕޭމްންޓްގައި ޖާބިރު އިހުތިޖާޖު ކުރީ އެތަނުގައި އޮށޯވެގެންނާއި އިނށީންދެ އިނދެގެންނެވެ. އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ހުތުރު އެއްޗެހި ގޮވައި، މި ސަރުކާރުގެ އިސްވެރިން އިސްތިއުފާ ދިނުމަށް ގޮވާލައިފައެވެ.