މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލި މައްސަލައަށް ހުރަސް އެޅިކަމުގެ ތުހުމަތު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރަނީ ހަރުދަނާ އެއްވެސް ހެއްކެއް ހުރެގެން ނޫން ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

ރިލްވާން މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީން ހުރަސް އެޅުއްވި ކަމަށް ތުހުމަތުކޮށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް އުފަައްދާފައިވާ ރިޔާސީ ކޮމިޝަނަށް ރައީސް ޔާމީން އިއްޔެ ވަނީ ހާޒިރުކޮށްފައެވެ.

އެކަމާ ގުޅިގެން މަރު ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް އިއްޔެ "ވަން" އަށް ވިދާޅުވީ ރައީސް ޔާމީން ކޮމިޝަނަށް ހާޒިރު ކުރެވުނީ އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކާ ގުޅިގެން ސުވާލުކޮށް އޮޅުންފިލުވަންޖެހޭ މުހިންމު ކަންތައްތަކެއް ހުރުމުން ކަމަށެވެ. އަދި ރިލްވާންގެ އާއިލާ އާއި އެހެނިހެން އާއިލާތަކާއި ރައްޔިތުން ވެސް ބޭނުންވާނެ ގޮތަކީ މި މައްސަލައަށް ރައީސް ޔާމީން ފުރިހަމައަށް ޖަވާބުދާރީވެވަޑައިގަތުން ކަމަށާއި ނަމަވެސް ކޮމިޝަނުން ތަކުރާރުކޮށް ފުރުސަތު އެރުވުމުން ވެސް ޔާމީން ހުންނެވީ ހަނު ކަމަށެވެ.

އެކަމާ ގުޅިގެން ޔާމީންގެ ވަކީލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައީސް ޔާމީން އިއްޔެ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކޮމިޝަނުން ކުރާ ތުހުމަތަށް އިންކާރު ކުރައްވާފައިވާ ކަމަށެވެ.

"އެމަނިކުފާނު އެ ކޮމިޝަނަށް ހާޒިރުކޮށްފައިވަނީ އެއްވެސް ހާލެއްގައި ހަރުދަނާ އެއްވެސް ހެއްކެއް ހުރެގެނެއް ނޫން. އެމަނިކުފާނާ ދެކޮޅަށް އެ ކޮމިޝަނުން ކުރާ ތުހުމަތަކީ ރިލްވާން ވީނުވީއެއް ނޭނގޭ ގޮތަށް ގެއްލުވާލި މައްސަލައިގެ ހަގީގަތް ހޯދުމަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ކުރަމުން ގެންދިޔަ މަސައްކަތަށް ހުރަސްއެޅުމުގެ ތުހުމަތު ކަމަށްވާ ނަމަވެސް އެމަނިކުފާނު އެޅުއްވީ ކޮން ހުރަހެއް ކަމެއް އަދި ހުރަސްއަޅުއްވަން އެމަނިކުފާނު ކުރެއްވީ ކޮންކަމެއް ކަމެއް އެ ކޮމިޝަނަށް ބަޔާންކޮށްދެވިފައިނުވާތީ، ޖުމުލަގޮތެއްގައި މުޅި ތުހުމަތަށް އެމަނިކުފާނު އިންކާރުކުރައްވާ،" ބަޔާނުގައިވެއެވެ.

ބަޔާނުގައި ވަނީ އެ މައްސަލައިގައި އިތުރަށް ކޮމިޝަނަށް ދޭންޖެހޭ މައުލޫމާތެއް ނުވަތަ ދައްކަންޖެހޭ ވާހަކައެއް ނެތް ކަމުގައި ކޮމިޝަނުގެ ތަހުގީގުގައި ރައީސް ޔާމީން ދަންނަވާފައިވާ ކަމަށެވެ.

ބަޔާނުގައި ވަނީ ރައީސް ޔާމީންގެ މައްޗަށް ސަރުކާރުގެ ސިޔާސީ ފަރާތްތަކާއި އަދި ސަރުކާރާއި ބައިއަތު ހިފާފައިވާ ފަރާތްތައް އަޑީގައި ތިބެގެން އެކިއެކި ތަހުގީގު އިދާރާތައް މެދުވެރިކޮށް، އަސްލެއްނެތް ތުހުމަތުތައް އުފައްދައިގެން ތަހުގީގު ކުރުމުގެ ނަމުގައި ސުވާލުކުރުމަށް ހާޒިރު ކުރަމުން ގެންދަނީ ސިޔާސީ ގޮތުން ގޯނާ ކުރުމަށް ކަމަށެވެ. އަދި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ތަހުގީގު އިދާރާތަކުގެ އޮފިޝަލުން މިފަދަ ނޭއްގާނީ އަދި ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވުމަކީ މުސްތަގުބަލުގައި ޒިންމާ ނަގަންޖެހޭނެ އަމަލުތަކެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށް ވަނީ ރައީސް ޔާމީން ވެރިކަން ކުރައްވާފައި ވާނީ ގާނޫނުއަސާސީ އާއި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށާއި އެމަނިކުފާނުގެ ވެރިކަމުގައި ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރުމަށް އެއްވެސް ފަރާތަކަށް އިރުޝާދެއްދީ އެންގުމެއް އަންގާފައެއް ނުވާ ކަމަށެވެ.

ކޮމިޝަނުން އިއްޔެ ނުކުމެވަޑައިގެން އެމަނިކުފާނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ރައީސް ޔާމީނަށް ކުރަނީ ރިލްވާން މައްސަލައިގެ ތަހުގީގަށް ހުރަސް އެޅުއްވުމުގެ ތުހުމަތު ކަމަށެވެ. ނަމަވެސް އެ ތަހުގީގަށް ހުރަސްއެޅުމުގެ ގޮތުން ރައީސް ޔާމީން ކުރެއްވީ ކޮންކަމެއް ކަމެއް ކޮމިޝަނުން ސާފުކޮށް ނުދޭ ކަމަށެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީނަށް ކުރައްވާ ތުހުމަތުތަކަށް އެމަނިކުފާނު އިންކާރުކުރައްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު އެ މައްސަލައަށް ހުރަސް ނާޅުއްވާކަން ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

"ރައީސް ވިދާޅުވީ ތުހުމަތަށް އިއުތިރާޒް ކުރާ ވާހަކަ. އެބޭފުޅުން ދެންނެވީ ހުރަސް އެޅީއޭ. އެކަމަކު ހުރަސް ނާޅާކަން ވަރަށް ސާފުކޮށް ފެންނަން އެބަ އޮތް،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ މި މައްސަލައަކީ ރައީސް ޔާމީން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކޮށް، ވެރިކަމަށް ވަޑައިގެންފާނެކަމުގެ ބިރަށް މިސަރުކާރުން ކުރަމުންގެންދާ ކަމެއް ކަމަށެވެ. އަދި މިއީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން މި ސަރުކާރުން ކުރަމުންގެންދާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.