އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް މިހާތަނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް 19 މައްސަލައެއް ތަހުގީގުކުރަން ނިންމާފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.
އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ، ޖެނުއަރީ 1953 އިން ފެށިގެން، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދު، ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުމަށް ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހެވެ.
ޗީފް އޮމްބުޑްސްޕާސަން، އަބްދުއްސަލާމް އާރިފް "ވަން" އޮންލައިން އަށް މައުލޫމާތު ދެެއްވަމުން ވިދާޅުވީ، އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަ ތަކުގެ ތެރެއިން މިހާތަނަށް ބަލައިގަނެފައިވާ މައްސަލަތައް، ބަލައިގަނެފައިވާ ކަން އެ މައްސަލަތައް ހުށަހެޅި ފަރާތްތަކަށްވެސް އަންގަމުންދާ ކަމަށެވެ. އަދި އެ ފަރާތްތަކާ ގުޅައި އެ އޮފީހުން މުއާމަލާތް ކުރަމުންދާ ކަމަށްވެސް ސަލާމް ވިދާޅުވިއެވެ.
"ހުށަހަޅާ މައްސަލަތައް ބަލައިގެންފައި އެ މައްސަލައަކީ ތަހުގީގުގައި ކުރިއަށް ގެންދެވިދާނެ މައްސަލައެއްތޯ މި ބަލަނީ، އެގޮތުން ހުށަހެޅޭ މައްސަލަތައް އަމާޒުވާ ދައުލަތުގެ އެކި ފަރާތްތަކުގެ ބަސް ހޯދުމަށް ވެސް ދަނީ މަސައްކަތް ކުރަމުން،" ސަލާމް ވިދާޅުވިއެވެ.
އޮމްބުޑްސްޕާސަންގެ އޮފީހުން ބުނީ، މިހާތަކަށް އެ އޮފީހަށް ޖުމުލަ 84 މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ.
ސަލާމް ވިދާޅުވީ އޭގެ ތެރެއިން ކުރިއަށް ގެންދަން ޖެހޭމައްސަލަތައް ކުރިއަށް ގެންދަން ފަށައި ގަތުމުގެ ގާބިލްކަން އެ އޮފީހަށް ލިބިފައިވާ ކަމަށެވެ. އަދި މައްސަލަތައް ކުރިއަށް ގެންދިއުމުގައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދަން ޖެހޭނަމަ އެފުރުސަތު ގާނޫނުން ވެސް ލިބިދީފައިވާ ކަމަށާއި، އެހެންކަމުން އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން އެފަހަރަކު ބޭނުންވާ މުއައްސަސާއެއްގެ އެހީތެރިކަން އެ އޮފީހުގެ މަސައްކަތްތަކަށް ހޯއްދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެކަމާބެހޭގޮތުން ދައުލަތުގެ މުއައްސަސާތަކާއެކު ވާހަކަ ދައްކާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން ބޭރުގެ އެކްސްޕާޓުންގެ އެހީތެރިކަން ހޯދަން ބޭނުންނަމަ އެ ފުރުސަތުވެސް ގާނޫނުން ފަހިކޮށްދީފައިވާ ކަމަށް ސަލާމް ވިދާޅުވިއެވެ.
އެހެންކަމުން އެފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ބޭރުގެ އެކްސްޕާޓުން ހޯދުމާމެދު ޔޫއެންގެ އެޖެންސީތަކާއެކު މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ސަލާމް ވިދާޅުވިއެވެ.
އޮމްބަޑްސްޕާސަންގެ އޮފީހުން ބުނީ، އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މަދަނީ 78 މައްސަލައަކާއި ޖިނާއީ ހަ މައްސަލައެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު