އއ. ހިމަންދޫން ފަސް މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހިމަންދޫ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އަބްދުﷲ ޝަރީފް މިރޭ "ވަން" އަށް ވިދާޅުވީ އެރަށުގައި ޗުއްޓީ ހޭދަ ކުރުމަށްފަހު މާލެ އައި ކުއްޖަކު އަލާމާތްތައް ހުރެގެން ޓެސްޓު ކުރުމުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާ ޕޮޒިޓިވްވެފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެ ކުއްޖާއަކީ އާއިލާއާއެކު ޗުއްޓީއަށް ރަށަށް ދިޔަ ކުއްޖެއް ކަަމަށާއި އޭނާ ރަށަށް ދިޔައީ ޕީސީއާރު ނެގެޓިވް ނަތީޖާއަކާއެކު ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކޭސްއާ ގުޅިގެން އިއްޔެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެކުއްޖާގެ ކޮންޓެކްޓުންގެ ގޮތުގައި 28 މީހަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެމީހުންގެ ތެރެއިން ހަތަރު މީހަކު މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ހައި ރިސްކް އެކަކު ހިމެނޭ ކަމަށް ވިދާޅުވިއެވެ.

"އެކުއްޖާ މާލެ ގޮސް، އަލާމާތްތައް ފެނިގެން ޓެސްޓު ހެދުމުން ވަނީ ޕޮޒިޓިވްވެފަ. އެ ކޭސްއާ ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި 28 މީހަކު ފާހަގަކުރެވުނު. އެމީހުން ސާމްޕަލް ނަގައި ޓެސްޓު ހެދުމުން ހަތަރު މީހަކު ވަނީ ޕޮޒިޓިވްވެފައި،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިއްޔެ ނެގި ސާމްޕަލްތަކުގެ ތެރެއިން ބައެއް ސާމްޕަލްތަކުގެ ނަތީޖާ އަދިވެސް ނުލިބޭ ކަމަށެވެ. އަދި މިއަދު ޕޮޒިޓިވްވި ހަތަރު މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ފެށިގެން މިހާރު ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިރޭ ބުނީ އެރަށް މިހާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

މިއީ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައި ދެވަނަ ފަހަރެވެ. މީގެ ކުރިން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ ކޮވިޑް ބަލީގެ އަލާމާތްތަކެއް ހުރި މީހަކު ބަލިވެގެން ޑޮކްޓަރަށް ދެއްކުމުން ނެގި ސާމްޕަލް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.