ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ދައުވާ އުފުލައިފި އެވެ.

އެކަން ހާމަކޮށްފައިވަނީ، ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

ސީޕީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހައެއް މޭގެ ޓެރެރިސްޓް ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ޕީޖީ އޮފީހުން ދައުވާ އުފުލާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ހަތަރު މީހެއް ކަމެއް ޕީޖީ ހާމަކޮށްފައެއް ނުވެ އެވެ.

މޭ މަހުގެ ހަ ވަނަ ދުވަހުގެ އިރާކޮޅު ރައީސް ނަޝީދު ދިރިއުޅުއްވާ ގެ ކައިރީގައި ބަހައްޓާފައި ހުރި ސައިކަލް ގޮއްވާލައި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން 10 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވުމާ ގުޅޭ ގޮތުން މި ހަފްތާގައި ގޮތެއް ނިންމާނެ ކަމަށާއި މިހާރު މަޑުކޮށްގެން ތިބީ ފުލުހުންގެ ފަރާތުން ފޮރެންސިކް ބައެއް ރިޕޯޓްތައް ލިބެންދެން ކަމަށް ޕީޖީ ހުސައިން ޝަމީމް ވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ. އަދިވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ޝަމީމް ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ފޮނުވާފައިވަނީ، އެންމެ ފުރަތަމަ ހައްޔަރުކުރި އަދުހަމް އަހްމަދު ރަޝީދާއި މުޖާޒް އަހްމަދާއި އަލީ ހައިޝަމްގެ އިތުރުން ތަހުމީން އަހްމަދާއި އަހުމަދު ފާތިހުގެ މައްޗަށެވެ.

އެ ފަސް މީހުންގެ އިތުރުންދެން ބަންދުގައި ތިބީ މ. ކުދެހިގޭ، އިސްހާގާއި ގއ. ވިލިނގިލީ، ހުދުރުމާގޭ، ފަހުމީ އަލީއާއި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމާއި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްލީމާއި ހއ. މޮޅަދޫ، ބަހާރުގޭ އަބްދުﷲ އަލިމަނިކެވެ.