މީގެ 25 އަހަރު ކުރިން އަނޫ މަލިކް އުފެއްދި ކަމަށް ބުނާ ހިންދީ ލަވައަކީ އިސްރާއީލުގެ ގައުމީ ސަލާމުގެ ކޮޕީ ރާގެއް ބުނަން ފަށައިފިއެވެ.

ގިނަބަޔަކަށް އެކަން ފާހަގަކުރެވިގެން ގޮސްފައިވަނީ މިހާރުކުރިއަށްދާ ޓޮކިޔޯއޮލިމްޕިކްސް 2020 ގައި އިސްރާއީލުގެ ރައްޔިތަކަށް ގޯލްޑް މެޑަލް ލިބިގެން ގައުމީ ސަލާން ޖެހުމުންނެވެ.

އިސްރާއީލުގެ ގައުމީ ސަލާން ޖެހުމާއެކު ގިނަ ބަޔަކު ވަނީ މީގެ 25 އަހަރު ކުރިން ދިލްޖަލޭގައި ގެނެސްދީފައިވާ ''މޭރާ މުލްކް މޭރާ ދޭޝް'' އާ އެއްގޮތް ގޮތެއް ހުރިކަމަށް ބުނަން ފަށައިފައެވެ. އަދި އަނޫ މަލިކުގެ އަމިއްލަ ރާގެއް ކަމަށް ބުނެ އިސްރާއީލުގެ ގައުމީ ސަލާމުން ރާގު ކޮޕީ ކޮށްފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އަނޫ މަލިކަށް ޖޯކު ޖަހަމުންނެވެ.

އިސްރާއީލުގެ ޖިމްނާސްޓަށް ގޯލްޑް މެޑަލް ލިބުމާއެކު ޖަހާފައިވާ ގައުމީ ސަލާމުގެ އޯޑިއޯ ކްލިޕްކޮޅަކާއެކު އާދިއްތަ ދުވަހު މީހަކު ވަނީ އެ ރާގު ހިންދީ ލަވައާއި ވައްތަރުވާ ކަމަށް ބުނެ ޓުވީޓެއް ކޮށްފައެވެ. މި ޓުވީޓާ ގުޅިގެން ގިނަ ބަޔަކަށް އެކަން ފާހަގަ ކުރެވި މިވާހަކަ ވަނީ ވައިގައި ހިފައިފައެވެ.

މީގެ ކުރީންވެސް އަނޫ މަލިކު ރާގު ކޮޕީ ކުރާ ވާހަކަތައް ފެތުރިފައިވެއެވެ. އެގޮތުން 1995 ވަނަ އަހަރު ނެރުނު ''އަކޭލޭ ހަމް އެކޭލޭ ތުމް'' ގައި ހިމެނޭ ''ރާޖާ ކޮ ރާނީ ސެ ޕިޔާރު ހޯގަޔާ'' އަކީ 1971ގެ ''ގޯޑް ފާދަރ'' ގެ ތީމް ލަވައިން ކޮޕީ ކޮށްފައިވާ ރާގެއް ކަމަށް ބުނެ ގިނަ ބަޔަކު ވާހަކަ ދައްކާފައިވެއެވެ. އަދި 1997 ގެ ފިލްމު ''އިޝްގު'' ގައި ހިމެނޭ ''ނީންދު ޗުރާއީ މޭރޭ'' އަކީ ލިނިއާގެ ''ސެންޑިންގް އޯލް މައި ލަވް''ގެ ކޮޕީ ރާގެއް ކަމަށް ބުނެ ވެސް މީގެކުރިން ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.