އަލާމާތްތައް ހުރެގެން ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރ. އުނގޫފާރު އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޕީއާރު އޮފިޝަރު ހަސަން ފަޒީލް "ވަން" އަށް މިރޭ ވިދާޅުވީ އަލާމާތްތައް ހުރެގެން އެރަށު ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ ކޭސްއާ ގުޅިގެން އެރަށް މިރޭ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ކުރެވެމުން އަންނަ ކަމަށާއި ސާމްޕަލް ނެގުމުގެ ކަންކަން ވެސް ކުރެވެމުން އަންނަ ކަމަށެވެ. އަދި ރަށުގެ ފިޔަވަޅުތައް ހަށުކަށިކޮށް، ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުން އަންނަ ކަމަށެވެ.

އުނގޫފާރު ވަނީ މީގެ ކުރިން ދެ ފަހަރަކު މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެންމެ ފަހުން އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ. އެފަހަރު ވެސް އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.