މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވައިލި މައްސަލައާ ގުޅިގެން ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ގިނަ ސުވާލުތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒުކުރައްވައިފިއެވެ.
ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް އުފަައްދާފައިވާ ރިޔާސީ ކޮމިޝަނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މާދަމާ ހާޒިރުވާން ވަނީ އަންގާފައެވެ. އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
އެކަމާ ގުޅިގެން ޖަމީލް މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސް ސޯލިހުގެ ރިޔާސީ ކެންޕެއިންގައި ވައުދުވެވަޑައިގެންނެވި ގޮތަށް ރިލްވާން އަބްދުﷲ އަށް އިންސާފު ހޯދައިދެވުނީތޯ ސުވާލު އުފައްދަވައިފައެވެ. އަދި ސިޔާސީ ތަހުގީގު ހިންގުމާއި ޕްރޮޮޕެގެންޑާ ލިޔުންތަކުން ރިލްވާން އާއިލާއަށް ތަސައްލީއެއް ލިބެނީތޯވެސް އޭނާ ވަނީ ސުވާލު ކުރައްވައިފައެވެ.
"ރިލްވާން މައްސަލައިގައި ރައީސް ޔާމީންގެ ވެރިކަމުގައި ދައުވާ އުފުލުނު މީހުން ރައީސް ސޯލިހުގެ ކައިރީގައި ނެތްތޯ، 24 ގަޑިއިރުން ކުރަން ވައުދުވި ކަންތަކަށް ތިން އަހަރާ ކައިރި ނުވޭތޯ، ނާގާބިލުކަމުގެ ރަން ވަނަ ރައީސް ސޯލިހަށް ލިބިއްޖެ،" ޖަމީލުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ރިލްވާން މައްސަލައިގައި ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރު ކުރާތީ، ޖަމީލް ރޭވެސް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ޓުވީޓެއް ކުރައްވައިފައެވެ. އޭނާ ވިދާޅުވީ މި ސަރުކާރުގެ ނިޔަތަކީ އެކި ގޮތްގޮތުން ރައީސް ޔާމީނަށް އަނިޔާވެރިވުން ކަމަށެވެ. މިއަދު މަރު ކޮމިޝަން ވެސް ހޭލައިފި ކަމަށާއި އެ ކޮމިޝަންވެސް ފެއިލްވުމުން އައްޑަނައަކަށް ހަދަނީ ރައީސް ޔާމީން ކަމަށްވެސް ވިދާޅުވިއެވެ.
އެކަމާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ރޭ ވަނީ ޓުވީޓެއް ކުރައްވައިފައެވެ. އޭނާ ވިދާޅުވީ މި ސަރުކާރު ފެއިލްވަމުންދާ ވަރަކަށް ރައީސް ޔާމީނަށް ޖެއްސުން ކުރުމާއި ބިރު ދެއްކުން ދަނީ އިތުރުވަމުން ކަމަށެވެ. ނަމަވެސް ރައީސް ޔާމީނަކީ މި ސަރުކާރުން ދައްކާ ބިރަކަށް ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ މި ސަރުކާރުން ދައްކާ ބިރަކަށް ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާއި ކޮންމެ ކަމަކާވެސް ކުރިމަތިލައްވާނީ ފިސާރި ކެރިގެން ސާބިތުކަމާއެކު ކަމަށެވެ.
ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން މަރުތައް ބަލާ ކޮމިޝަނުން މީގެ ކުރިން އާންމު ކުރި ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުން އޭނާ ހުޅުމާލެއިން ގަދަކަމުން ކާރަކަށް އަރުވައިގެން ޑިންގީއަކަށް އެރުވިއެވެ. އެއަށް ފަހު ދޯންޏަކަށް އަރުވައި ދަލެއްގައި އޮޅާލުމަށް ފަހު ޝަހާދަތް ކިޔުވައި ކަރު ބުރިކޮށްލިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު