ސިވެހި ސަރުކާރުގެ މާލީ މައުލޫމާތު ހާމަ ކުރުމަށް ކުރިޔަން ގެންދާ ކަންތައްތަކުގެ ސަބަބުން، މާލީ މައުލޫމާތު ހާމަކަކުރުމުގެ އެންމެ މަތީ ދަރަޖަ ރާއްޖެއިން ހާސިލް ކޮށްފައިވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ބުނެފި އެވެ.
އައިއެމްއެފުން މިގޮތަށް ބުނެފައި ވަނީ، އެފަރާތުން ނެރެފައިވާ ފިސްކަލް ޓްރާންސްޕޭރެންސީ އިވެލުއޭޝަން ރިޕޯޓުގައެވެ.
އެރިޕޯޓުގައި ވާގޮތުން މާލީ ހިސާބުތަކުގެ ހާމަކަން މިނެކިރުމުގައި އައިއެމްއެފްއިން ބަލާ މިންގަނޑުތަކުގެ ތެރެއިން ފިސްކަލް ރިޕޯޓިން އަދި ފިސްކަލް ފޯކާސްޓިން އާއި ބަޖެޓިންއާ ގުޅޭ ގިނަ ކަންކަމުގައި ރާއްޖެއަށް ވަނީ "އެޑްވާންސްޑް" ރޭޓިން އެއް ލިބިފައެވެ.
އެޑްވާންސްޑް ރޭޓިންއަކީ މާލީ މައުލޫމާތު ހާމަކަކުރުމުގެ އެންމެ މަތީ ދަރަޖަ އެވެ.
އެ ރިޕޯޓުގައިވާގޮތުން ގިނަ ދާއިރާތަކަކަކުން މާލީ ހިސާބުތައް ހާމަކުރުމަށް ސަރުކާރުން ވަނީ ރަނގަޅު ފިޔަވަޅުތަކެއް އަޅައިފައެވެ.
އެގޮތުން ރިޕޯޓުގަިއ ބުނެފައިވަނީ ވޭތުވެ ދިޔަ އަހަރުތަކުގައި ދިވެހި ދައުލަތުގެ މާލީ މައުލޫމާތު ހާމަކުރަން އެޅި ފިޔަވަޅުތަކާއެކު ސަރުކާރުގެ މާލީ ހާމަކަން އިތުރު ވެފައިވާ ކަމަށެވެ.
ނަމަވެސް، ބައެއް ދާއިރާތަކުން އަދިވެސް އިތުރަށް ކުރަން މަސައްކަތް ކުރަންޖެހޭކަން ފާހަގަކޮށް ރެކޮމެންޑޭޝަންތަކެއް ރިޕޯޓިގަިއ ހިމަނާފައިވެއވެެ.
މި ރެކޮމެންޑޭޝަންތަކުގެ ތެރޭގައި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް އޮޑިޓް ރިޕޯޓްތައް ތައްޔާރު ކުރުމާއި، މެދު ރާސްތާގެ ފިސްކަލް ސްޓްރެޓަޖީ އާއި ބަޖެޓް ފްރޭމްވޯކް އިތުރަށް ތަރައްގީކުރުމާއި، ޓެކްސް އާމްދަނީގެ ހަރަދުތައް ކުރާ ގޮތް އާންމުކުރުން ހިމެނެ އެވެ.
އަދި އެސްއޯއީތަކުގެ ހާމަކަން އިތުރުކުރުމަށާއި ދައުލަތުން ގެރެންޓީ ދިނުމުގެ އުސޫލާ އެއްގޮތަށް ގެރެންޓީތައް މެނޭޖްކުރުން ހިމެނެ އެވެ.
މިއީ ރާއްޖެއިން އައިއެމްއެފްގެ ފިސްކަލް ޓްރާންސްޕޭރެންސީ އިވެލުއޭޝަނެއް ހެދި ފުރަތަމަ ފަހަރުކަން ފިނޭންސް މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ. އަދި ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން މި ރިޕޯޓް ހެދި ފުރަތަމަ ގައުމަކީ ވެސް ރާއްޖެ ކަން ފާހަގަ ކޮށްފައިވެއެވެ.
މާލީ މައުލޫމާތު ހާމަކަކުރުމުގެ އެންމެ މަތީ ދަރަޖަ ރާއްޖެއިން ހާސިލް ކޮށްފައިވި ނަމަވެސް، މާލީ ހިރާސް ކުޑަކުރުމާ ގުޅޭ ފިސްކަލް ރިސްކް އެނަލިސިސް އަދި މެނޭޖްމަންޓާ ގުޅޭ ކަންކަމުގައި ރާއްޖެއަށް ލިބުނީ "ބޭސިކް" އަދި "ބިލޯ ބޭސިކް" ރޭޓިން އެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު