ކޮވިޑް19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހު އެކެއްގެ ނިޔަލަށް އިތުރު ކޮށްފިއެވެ.

މުއދަތު އިތުރު ކުރުމަށްޓަކައި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުއްވި ގަރާރުގައި ބުނެފައި ވަނީ، އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން 12 މާޗް 2020 އިން ފެށީގެން 30 ދުވަހުގެ މުއްދަތަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާން ކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމައި އެކަން އިއުލާން ކުރާ ކަމަށެވެ.

އެންމެ ފަހުން އިތުރުކުރި މުއްދަތު މިއަދަށް ހަމަވާނެ އެވެ.

އެ ގަރާރުގައި އިތުރަށް ހެލްތު މިނިސްޓަރު ވިދާޅުވެފައި ވަނީ، އެގޮތަށް ހަމަޖެއްސެވީ ކޮވިޑް އިތުރަށް ފެތުރުގެ ނުރައްކާ އަދިވެސް ރާއްޖޭގައި އޮތުމާއެކު 12 މާޗް 2020 ގައި އިއުލާނު ކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތުމުން، ކޮވިޑްގެ ނުރައްކާ ކުޑަކޮށް، އާންމު ރައްޔިތުންގެ ސިއްހަތަށާއި ރައްކާތެރިިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރޭ ކަމަށް ލަފާ ދެއްވާފައިވާތީ ކަމަށް އެ ގަރާރުގައިވެއެވެ.

ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އާއްމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަަވަރު ކުރުމަށްޓަކައި، ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ޑިރެކްޓާ ޖެެނެރަލް އޮފް ޕަބްލިކް ހެލްތަަށް އަންގާ ކަމަށްވެސް އެ ގަރާރުގައި ވެއެވެ.