ބިރުގަންނަ ވާހަކަ ބުނުމުން ޖެހީ ޖޯކެވެ. ވީ މަޖާ ކަމަކަށެވެ. ކުރީ ޖެއްސުމެވެ. އެންމެފަހުން ނަފުސާނީ ބަލީގެ ޝިކާރައަކަށް ވެ އެކަމަށް ބޭސްކުރަން ޖެހުނީއެވެ. ބޮޑެތި ހަރަދުތައް ދަނީ އަމިއްލަ ޖީބުންނެވެ. އަދިވެސް ގަބޫލު ކުރަނީ އީމާންކަން ބަލިކަށިވުން ކަމަށެވެ. ނޫނެކެވެ. އީމާންކަން ބަލިކައްޓެއް ނޫނެވެ. ނަމާދުވެސް ކުރެއެވެ. އެކަމަކު އަދިވެސް އެ ބިރުވެރިކަން ހިތުން ފިލައިގެން ނުދަނީއެވެ.

މިއީ ނަފުސާނީ ބަލި ތަހައްމަލު ކުރަމުން އަންނަ ދެބައި އުމުރުގެ މީހެއްގެ ވާހަކަ އެވެ. މިފަދަ ކިތަންމެ ބަޔަކު އަހަރެމެންގެ މުޖުތަމައުގައި އެބަ އުޅެއެވެ.

އުތުރުގެ ރަށަކަށް ނިސްބަތްވާ (ނަން ނުޖެހުމަށް ޝަރުތުކޮށްފައިވާތީ އަސްލު ނަން ބޭނުންކޮށްފައި ނުވޭ) އަހުމަދު ހުސައިނަކީ އޭނާގެ އުމުރުން އެންމެ ފަނަރަ އަހަރުގައި ދިމާވި ކަމެއްގެ ސަބަބުން އަދިވެސް ނަފުސާނީ ބައްޔަށް ބޭސްކުރަމުން އަންނަ މީހެކެވެ. އިރު އިރުކޮޅާ ގައި ފޮޅާލަން ޖެހެ އެވެ. ސިއްސައިގެން ގޮސް ފުންމައިގެން ތެދުވެ މުޅި ގައި ފޮޅާލައެވެ. ކައިރީގަ ތިބޭ މީހުންވެސް ސިއްސައިގެން ދާ ވަރުވެ އެވެ.

މިހާރު އުމުރުން 30 އަހަރަށްވުރެ މައްޗަށް ގޮސްފައިވާ އަހުމަދު އޭނާގެ ވާހަކަ "ވަން" އާ ހިއްސާ ކުރަމުން ބުނީ ރައްޓެހިންނާއި އާއިލާ ބަޔަކާއެކު ދަތުރު ދިޔައީ މަޖާ ކޮށްލަން ކަމަށެވެ. އެހެން ކުދިން ކަކުނި ފަދަ ތަކެތި ނަގައިން ކުޅޭން އުޅުނު ނަމަވެސް އޭނާ އެއަށް ބިރު ގަނެ އެވެ. އެކަމަކު ދަތުރު ދިޔަ މީހުންނަށް އެކަން ވީ މަޖާ ކަމަކަށެވެ.

"ބައިވަރު ކުދި ކުދި ކަކުނި ހިފައިގެން އައިސް އަހަރެން އެތާ އިންދާ ބުރަކަށްޓަށް އަޅާލީ. ބިރުން ގައިފޮޅަމުން ތެދުވެ ތެޅިފޮޅިގަނެވުނީ. އަހަރެން ބިރުން ރޯން ހުރި އިރު ވެސް އެންމެން ހޭން ތިބީ."އަސަރާއެކު އޭނާ ބުންޏެވެ.

އަހުމަދު ބުނީ އޭގެ ފަހުން މިހާރު 15 އަހަރުވެދާނެ ކަމަށާއި ނަމަވެސް ނިދީގައްޔާއި ހޭލައި ހުރެގެންވެސް އިރު އިރުކޮޅާ ގައި ފޮޅާލައި ދުއްވައިގަނެވޭ ކަމަށެވެ. މި ހާދިސާއަށްފަހު ބިރުން ނުނިދައި އެތައް ދުވަހެއް ހޭދަކުރި ކަމަށާއި އޭރު އެންމެ ފުރަތަމަ ހީކުރެވުނީ ޖިންނީގެ ކަމެއް ކަމަށް ކަމަށާއި އެކަމަށް ފުރަތަމަ ރުގުޔާ ވެސް ކުރި ކަމަށެވެ. ނަމަވެސް އެތައް އަހަރެއްވަންދެން ރުގުޔާ ކޮށްގެންވެސް ވަކި ބަދަލެއް ނައުމުން ރުގުޔާ ކުރި މީހުންގެ އެދުމުގެ މަތީން ނަފުސާނީ ޑޮކްޓަރަކަށް ދެއްކި ކަމަށެވެ.

"އޭރު އުމުރުން ވާނީ ގާތްގަނޑަށް އެންމެ 19 ވަރަކަށް އަހަރު. އޭރުން ފެށިގެން މިހާރުވެސް މިއަންނަނީ ނަފުސާނީ ބައްޔަށް ބޭސްކުރަމުން. ރަނގަޅު ވަޒީފާއެއްގަވެސް ނޫޅެވޭ. ދިރިއުޅުމެއްވެސް ފަށައިގެން ހަމަޖެހިލައިގެނެއް ނޫޅެވޭ. މިއީ ހަމަ އެ ދުވަހު މަޖަލަކަށް ހަދައިގެން ކުރި ކަމަކުން އުމުރަށް އަޅުގަނޑަށް ލިބުނު ފޫނުބެއްދޭ ވަރުގެ ގެއްލުމެއް. ބަޔަކު ދަތުރުދާން ބުންޏަސް މިހާރު ރުޅިގަދަވޭ." އޭނާ ބުންޏެވެ.

އަހުމަދުގެ އާއިލާ މީހަކު ކިޔަދިން ގޮތުގައި އޭނާ ކޮންމެ ތަނެއްގައި ހުއްޓަސް އިރު އިރުކޮޅާ ގައި ފޮޅާލައެވެ. ކޯއްޗެއްހޭ ފޮޅަނީ އަހާލުމުން ރުޅިގަދަވެފައި "ކަލޭމެން އެޅި ކަކުނި ނޫންހޭ" ބުނެއެވެ.

"ބިރުގަނެޔޭ ބުނީމަވެސް ގިނަ މީހުން މިހަދަނީ މަޖަލަކަށް. އެކަމަކު މިހުރީ އަހުމަދަށް ވެފަ ހުރި ވަރު. އޭނާ ގައި ފޮޅާތީވެސް މީހުން ހޭނެ. އެކަމަކު މިމަމުގަ އޭނާގެ ކުށެއްވެސް ނެތް. އަހުމަދު އެއުޅޭ ހާލުގައި އެހެން މީހަކު އުޅޭތަން ދެކެން އަހަރެމެން ބޭނުމެއް ނޫން. ބޭސް ގުޅައެއް ނުކައިފިއްޔާ ލޮލުފިޔައެއްވެސް ނުޖެހޭ." އަހުމަދު އާއިލާގެ މެންބަރު ދެރަވެލާފައި ބުންޏެވެ.

މީ އެންމެ މީހެއްގެ ވާހަކަ އެވެ. މިފަދަ ކިތަންމެ މީހުންނެއް ނަފުސާނީ ބަލީގެ ޝިކާރައަކަށްވެފައި އެބަތިއްބެވެ. ނަފުސާނީ ބައްޔަކީ ފުރާނައަށް ނުރައްކާވެދާނެ ހާލަތަކަށް ހިނގައިދާނެ ފަދަ ބޮޑު ބައްޔެކެވެ. މި މުޖުތަމައުގައި ނަފުސާނީ ބަލިތައް ޖެހިފައިވާ މީހުން ދެކެވިފައިވަނީ ބޯ ހަރު، ބަސް ގަބޫލު ނުކުރާ ބައެއްގެ ގޮތުގައެވެ. އެމީހުންނާ ދިމާއަށް ބުނެވޭ އެއްޗަކާ މެދު ސަމާލުކަމެއް ގިނަ ފަހަރު ނުދެވެ އެވެ. ބުނެވޭ އެންމެ ބަހެއްގެ ސަބަބުން އޭނާއަށް ކޮށްފާނެ ނުވަތަ އޭނާގެ ހަށިގަނޑަށް ދީފާނެ ގެއްލުމަކަށް ނުވިސްނަ އެވެ.