ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާގައި އެހީތެރިކަން ފޯރުކޮށްދެމުން އައުމުގެ ސަބަބުން ފިލްމީތަރި ސޯނޫ ސޫދު އަކީ ހަގީގީ ހީރޯއެއް ގޮތުގައި ގިނަ ބަޔަކު ވަނީ ބަލައިގެންފައެވެ. އެހީތެރިކަމަށް އެދިގެން ދިޔަ އެއްވެސް މީހަކު ހުސް އަތާ އޭނާ ދޫކޮށް ނުލާ ކަމަށްވެ އެވެ.

އޭނާގެ ހިތްތިރި އަހުލާގުގެ ފަހަތުގައި ކާމިޔާބުގެ މަންޒިލަށް އައުމަށް ކުރި ދަތުރު ސަބަބަކަށް ފުދެއެވެ.

މީގެ ކުރިން މީޑިއާއަކަށް ދިން އިންޓަވައިއުއެއްގައި ގިނަ މީހުންނެކޭ އެއްފަދައިން މަޝްހޫރު މީހަކަށް ވުމުގެ ހުވަފެންތަކާއެކު ސޯނޫވެސް މުމްބާއީއަށް ދިޔަކަމުގައި އޭނާ ބުނެއެވެ. އަދި މުމްބާއީއަށް ދިޔައިރު އަތުގައި އޮތީ އެންމެ 5500 ރުޕީސް ކަމަށާއި، އެތަނުން 400 ރުޕީސް ފިލްމު ސިޓީއަށް ވަނުމަށް ދައްކަން ޖެހުނު ކަމުގައި އޭނާ ވަނީ ބުނެފައެވެ. ''އަހަރެން ހީކުރީ ފިލްމު ސިޓީން ގިނަގިނައިން ފެންނަން ފެށުމުން ޑައިރެކްޓަރަކަށް ނޫނީ ޕްރޮޑިއުސަރަކަށް ފެނިގެން ކޮންމެވެސް ޕްރޮޖެކްޓަކުން ފުރުސަތެއް ދީފާނެ ކަމަށް.'' އޭނާ ބުނެފައިވެއެވެ. ނަމަވެސް އެގޮތަށް ކަންތައް ނުވި ކަމަށާއި އޭނާއަށް މިހާ ހިސާބަށް އާދެވުމުގެ ފަހަތުގައިވަނީ މައިންބަފައިންގެ ދުއާ ކަމުގައި ސޯނޫ ވަނީ ބުނެފައެވެ.

ސޯނޫގެ ދިރިއުޅުމާ ގުޅޭ ގޮތުން އޭނާގެ ކޮއްކޮވެސް ވަނީ މީގެކުރިން ވާހަކަދައްކާފައެވެ. ނާގުޕޫރުގައި އިންޖިނިއަރުކަން ކިޔަވަމުން ދިޔައިރު ޗުއްޓީގައި އާއިލާ ގާތަށް ދިއުމަށް ރޭލުގެ ފާހާނަތައް ކައިރިން ލިބޭ ހުސް ޖާގަތަކުގައި ނިދައި ހަދާފައިވާކަމުގައި އޭނާ ބުނެއެވެ. އަދި ހަރަދުކުރުމަށް ބައްޕަ ފައިސާ ފޮނުވިނަމަވެސް އެފައިސާ ވީ އެންމެ ބޮޑަކަށް ރައްކާކުރާކަމުން ދިޔަކަމަށާއި، ބައްޕަ ހޯދާ އާމްދަނީއަށް ސޯނޫ އިހުތިރާމު ކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ކެރިއެރު ބިނާކުރުމުގެ ތެރެއިން މުމްބާއީގައި މޮޑެލްކުރަން ފެށި ދުވަސްވަރު ސޯނޫ ދިރިއުޅެމުން ގޮސްފައިވަނީ ފުރޮޅިލެވޭނެ ޖާގައެއް ވެސް ނުލިބޭވަރުގެ ކުޑަތަންކޮޅެއްގައި ކަމަށް ސޯނޫގެ ކޮއްކޮ ބުނެފައިވެއެވެ.

ސޯނޫގެ ހަޔާތުގެ ބޮޑުބައެއް ނާގުޕޫރުގައި ހޭދަކޮށްފައިވީނަމަވެސް، އޭނާ އަކީ ޕަންޖާބުގެ މޯގާ ކިޔާ ކުޑަ ސިޓީއަކަށް ނިސްބަތްވާ މީހެކެވެ. އެތަނުގައި ބޮމްބޭ ކުލޯތު ކިޔާ ހެދުން ވިއްކާ ފިހާރައެއް ސޯނޫގެ ބައްޕަ ހިންގަމުން ދިޔައިރު މަންމައަކީ ޕްރޮފެސަރެކެވެ. ސޯނޫ އެކޭ އެއްގޮތަށް އޭނާގެ މައިންބަފައިންވެސް ގަބޫލުކުރާ ގޮތުގައި ބުރަ މަސައްކަތް ކޮށްގެން ނަމަވެސް ހަލާލު އާމްދަނީއެއް ހޯދުމަކީ މުހިއްމު ކަމެކެވެ. އަދި ފަގީރުންނަށް އަޅާލައި އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެހީތެރިވެދިނުމަށް ސޯނޫގެ ބައްޕަ ފެށުނީއްސުރެ އޭނާއަށް ދަސްކޮށްދީފައިވާ ކަމަށް ވެއެވެ.

ނާގުޕޫރުން އިންޖިނިއަރުކަން ފުރިހަމަކޮށްފައިވީނަމަވެސް ސޯނޫގެ އެކްޓުކުރުމުގެ ހުވަފެންތައް ހަގީގަތަށް ހެދުމުގެ މަސައްކަތް އޭނާ ކާމިޔާބު ކުރިއެވެ. ފިލްމީ ދާއިރާއަށް އޭނާ ނުކުމެފައިވަނީ 1999 ވަނަ އަހަރު ކުޅެފައިވާ ކައްލަޒަގަރު ކިޔާ ތަމަޅަ ފިލްމަކުންނެވެ.