ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ މި ސަރުކާރުން ދައްކާ ބިރަކަށް ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިގޮތަށް ވިދާޅުވެފައި މިވަނީ ނޫސްވެރިޔާ، އަހްމަދު ރިލްވާން ގެއްލުވައިލި މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުވާން އަންގާފައިވާތީއެވެ.

އަދުރޭ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ސަރުކާރު ފެއިލްވަމުންދާ ވަރަކަށް ރައީސް ޔާމީނަށް ޖެއްސުންކުރުމާއި ބިރު ދެއްކުން އިތުރުވަމުންދާ ކަމަށެވެ. ނަމަވެސް ރައީސް ޔާމީނަކީ މި ސަރުކާރުން ދައްކާ ބިރަކަށް ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ރައީސް ޔާމީނަކީ މި ސަރުކާރުން ދައްކާ ބިރަކަށް ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން. ކޮންމެ ކަމަކާވެސް ކުރިމަތި ލައްވާނީ ފިސާރި ކެރިގެން ސާބިތުކަމާއެކު،" އަދުރޭގެ ޓުވީޓުގައިވެއެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމަށް އުފަައްދާފައިވާ ރިޔާސީ ކޮމިޝަނަށް ޔާމީން ހާޒިރުވާން އަންގާފައި ވަނީ އަންނަ އަންގާރަ ދުވަހުއެވެ.

މަރު ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް މިރޭ "ވަން" އަށް ވިދާޅުވީ ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގަށް ރައީސް ޔާމީނާ ސުވާލު ކުރަން ބޭނުންވާތީ، އެ ކޮމިޝަނަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

އެކަމާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ މި ސަރުކާރުގެ ނިޔަތަކީ އެކި ގޮތްގޮތުން ރައީސް ޔާމީނަށް އަނިޔާވެރިވުން ކަމަށެވެ.

"ތިނެއް އޯގަސްޓްގައި ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުވުމަށް މިއަދު އަންގައިފި. މި ކޮމިޝަން ވެސް ކުއްލިއަކަށް ހޭލައިފި. ކޮމިޝަން ފެއިލުވެ ރައްޔިތުން ސުވާލުކުރަން ފެށީމާ މިމީހުން ވެސް އައްޑަނައަކަށް މި ހަދަނީ ރައީސް ޔާމީން،" ޖަމީލް ވިދާޅުވިއެވެ.

ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން މަރުތައް ބަލާ ކޮމިޝަނުން މީގެ ކުރިން އާންމު ކުރި ތަހުގީގު ރިޕޯޓުގައި ބުނެފައިވާ ގޮތުން އޭނާ ހުޅުމާލެއިން ގަދަކަމުން ކާރަކަށް އަރުވައިގެން ޑިންގީއަކަށް އެރުވިއެވެ. އެއަށް ފަހު ދޯންޏަކަށް އަރުވައި ދަލެއްގައި އޮޅާލުމަށް ފަހު ޝަހާދަތް ކިޔުވައި ކަރު ބުރިކޮށްލިއެވެ.