ޚަބަރު

ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ މަޝްރޫއުގެ ދަށުން ވިޔަފާރިކުރާ ފަރާތްތަކަށް ލިބިގެންދާނެ ލުއިފަސޭހަތައް

އިންޓަނެޓަކީ އަޅުގަނޑުމެންގެ މުޖުތަމައުއަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނުވި އެއްޗެކެވެ. އިންޓަނެޓުގެ ޒަރީއާއިން ވިޔަފާރިވެރިންނާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ގުޅުން ބަދަހިވެ ވިޔަފާރިކުރުމާއި ހިދުމަތްތައް ހޯދުމައް އައު ގޮތްތަކެއް ތައާރަފުވެގެން ގޮސްފިއެވެ. ނަމަވެސް އިންޓަނެޓް އަދި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކުވެސް ދިވެހިރާއްޖޭގައި ވިޔަފާރިވެރިންނަށް މިފަދަ ޓެކްނޮލޮޖީގެ ޒަރީއާއިން ފޯރުކޮށްދެވޭ ހިދުމަތްތައް ފޯރުކުރުމުގައި ގޮންޖެހުންތަކެއް އެބަހުއްޓެވެ. މިފަދަ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބޭނުންވާ އުމްރާނީ އޮނިގަނޑު ގާއިމު ކުރުމަކީ މިހާރު ހައުސިން ޑިވެލޮޕްމަންޓް ކޯޕޮރޭޝަން (އެޗްޑީސީ)ގެ މައި މަގުސަދެވެ.

އެޗްޑީސީގެ އަމާޒަކީ މި ހިދުމަތްތައް ދިނުމުގެ ބަދަލުގައި ހިދުމަތްދޭ ފަރާތްތަކަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކުރުމެވެ. މި ވަސީލަތްތައް ގާއިމުކުރުމުން އިންޓަނެޓްގެ ހިދުމަތްދޭ ފަރާތްތަކަށްވެސް ވަކި ފަރުދުންނަށް ހިދުމަތް ދިނުމުގައި ލުއި ގޮތްތަކެއް މަގުފަހިވާނެއެވެ. އެޗްޑީސީގެ މި މަޝްރޫއު ނިމުމުން އިންޓަނެޓްގެ ހިދުމަތްދޭ ފަރާތްތަކަށް އަމިއްލައަށް އިންފްރާސްޓްރަކްޗާގެ މަސައްކަތް ކުރާކަށް ނުޖެހޭނެއެވެ. އަދި ގޭގެޔަށާއި އޮފީސްތަކަށް ބޭނުންވާ އިންޓަނެޓްގެ ހިދުމަތް ދިނުމަށްޓަކައި ކޮންމެ ފަހަރަކު މަގު ކޮނެ ފައިބާ ކޭބަލް ވަޅުލާކަށް ނުޖެހޭނެއެވެ. ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ މަޝްރޫއު ކާމިޔާބުކަމާއެކު ނިމުމުން މިފަދަ އިންޓަނެޓް އަދި ޓެކްނޮލޮޖިކަލް އެޑްވާންސްތަކާއެކު ތައާރަފުވާ ވަސީލަތްތައް ބޭނުންކުރުމަކީ ފަސޭހަ ކަމަކަށް ވާނެއެވެ.

މިފާއިތުވި އަހަރުގެ ބަލިމަޑުކަމުގެ ތެރެއިންވެސް އަޅުގަނޑުމެން ދިވެހިން ޓެކްނޮލޮޖީއަށް ބަރޯސާވާވަރު އިތުރު ވެއްޖެއެވެ. އަދި ތަރައްގީވެފައިވާ އެހެން ގައުމުތަކުގައި އަމިއްލަ ދިރިއުޅުމާއި ވިޔަފާރީގެ ދުނިޔޭގައި ޓެކްނޮލޮޖީގެ ބޭނުންކުރުން އޮތީ އެތައް ގުނައެއް ކުރީގައެވެ. ’އިންޓަނެޓް އޮފް ތިންގްސް‘ އަކީ އިންޓަނެޓްގެ ޒަރީއާއިން ގުޅާލެވޭ އެކި ވަސީލަތްތަކާއި އެ ވަސީލަތްތަކުގެ މެދުގައި ޑޭޓާ ފޮނުވާ ބަދަލުކުރާ ކުރުމެވެ. ވޭތުވެދިޔަ ފަސް އަހަރުތެރޭގައި މިފަދަ ވަސީލަތްތައް ބޭނުންކުރުމާއި މިކަމަށް ހުރި ޝައުގުވެރިކަން ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. ހޯދުންތަކުން ދައްކާގޮތުން 2025 ވަނަ އަހަރާ ހަމައަށް 55 ބިލިއަން ’އިންޓަނެޓް އޮފް ތިންގްސް‘ ޑިވައިސަސް ބޭނުންކުރެވޭނެއެވެ.

އެޗްޑީސީން ދެކޭ ގޮތުގައި ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ އުފެދުމާއެކު އަލަށް ފަށާ ވިޔަފާރިތަކަށް އައު ދޮރުތަކެއް ހުޅުވިގެންދާނެއެވެ. ބިޒްނަސް އިންކިއުބޭޝަން ޕްރޮގްރާމުތަކާއި، އެކްސެލަރޭޓާ ޕްރޮގްރާމުތަކުގެ އިތުރުން ކޯވާކިން ސްޕޭސްތައް އުފެދި ގްރޭޓާ މާލެ ސަރަހައްދުގައި އީޖާދީ ވިޔަފާރިތައް ފުޅާވާނެއެވެ. ބިޒްނަސް އިންކިއުބޭޓާސް އަކީ އަލަށް ފަށާ ވިޔަފާރި އަދި ކުންފުނިތަކަށް އެހީތެރިކަން ފޯރުކޮށްދޭ ތަންތަނެވެ. ބިޒްނަސް އިންކިއުބޭޓާސްގައި އިންވެސްޓާސް ހޯދުމާއި އީޖާދީ އެހީ އަދި މަސައްކަތް ކުރާނެ ޖާގައާއި އެހެނިހެންވެސް އަލަށް ފަށާ ބިޒްނަސްއަކަށް ބޭނުންވާނެ ނަސޭހަތާއި އެހީ ފޯރުކޮއްދެވޭނެއެވެ. މި ތަންތަނުގައި ކަމާ ގުޅުންހުރި މާހިރުންނާއި އެކަމަށް ޝައުގުވެރިވާ އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަން ފުރުސަތު ލިބިގެންދާނެއެވެ.

އެކްސެލަރޭޓާ ޕްރޮގްރާމްސްއަކީ ފަށައިގެންފައިވާ ކާމިޔާބު ކުދި ވިޔަފާރި ފުޅާކުރުމަށް އެހީވެދޭ ޕްރޮގްރާމުތަކެވެ. މި ޕްރޮގްރާމުތަކުގެ ތެރެއިން ބޮޑެތި އިންވެސްޓަރުން ހޯދުމާއި ވިޔަފާރި ފުޅާކުރަން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދޭނެއެވެ. އިންކިއުބޭޓާ ޕްރޮގްރާމްތަކާ ހިލާފަށް އެކްސެލެރޭޓާ ޕްރޮގްރާމުތަކުން މި ހިދުމަތްތަށް ދެނީ ފަށާ ވިޔަފާރީގެ ޝެއާއެއް ނުވަތަ ލިބޭ ފައިދާގެ އިންސައްތައެއް އެކްސެލެރޭޓާ ޕްރޮގްރާމަށް ނަގާ ގޮތަށެވެ.

ކޯވާކިން ސްޕޭސަސް އަކީ އަމިއްލަ ފަރާތްތަކަށް ގޮސް މަސައްކަތް ކުރަން ތިބެވޭ ގޮތަށް ހަދާފައިވާ ތަންތަނެވެ. މި ތަންތަނުގައި ވަކިވަކިން ނުވަތަ ގިނަ މީހުން ހިމެނޭ ޓީމުތަކަށް މަސައްކަތް ކުރަން ތިބެވޭނެ ގޮތް ހަމަޖެހިފައި އޮންނާނެއެވެ. މިފަދަ ކޯވާކިން ސްޕޭސަސްގައި ގޭގޭއާއި އޮފީސްތަކުގައި ހުންނަ އިންޓަނެޓް ކަނެކްޝަންއަށް ވުރެ ފެންވަރު ރަނގަޅު އަވަސް ހިދުމަތްތައް ލިބޭނެއެވެ. އިންޓަނެޓްގެ އިތުރުން މިތަންތަނަކީ އޮފީސް ފަރުނީޗަރާއި، ޕްރިންޓް ކުރުމުގެ ހިދުމަތާއި މީޓިން ރޫމް އަދި ވަކިވަކި އޮފީސް ހުންނަ ތަންތަނެވެ. ކޯވާކިން ސްޕޭސަސްއަކީ ސްޓާޓްއަޕް ކުންފުނިތަކަށް ވަރަށް ބޭނުންތެރި ހިދުމަތެކެވެ. އަދި މިތަންތަނަކީ ފްރީލޭންސް މަސައްކަތް ކުރާ ފަރާތްތައް ނުވަތަ ކާމިޔާބު ކުދި ވިޔަފާރި ހިންގަމުންދާ ފަރާތްތަކަށްވެސް ބޭނުން ހިފޭނެ ތަންތަނެވެ.

ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ އަކީ ކުރީއްސުރެ ހިނގަމުން އަންނަ ބޮޑެތި ވިޔަފާރިތަކަށްވެސް އެދެވޭ ބަދަލުތަކެއް އަންނާނެ ކަމެކެވެ. ޓެކްނޮލޮޖީގެ ކުރިއެރުންތަކާއެކު އޮފީސްތަކުގައި ކުރަމުންއައި ބޮޑެތި އުނދަގޫ މަސައްކަތްތައް މިވަނީ ކުދި އަވަސް މަސައްކަތްތަކަށްވެސް ބަދަލުވެފައެވެ. އަދި އިންޓަނެޓް އޮފް ތިންގްސް ތައާރަފުވުމާއެކު ވިޔަފާރީގެ އެކި މަރުހަލާތައް މޮނިޓަރ ކުރުމާއި އައު އެފިޝަންޓް ގޮތްތައް ދެނެގަތުން ފަސޭހަވެ ވިޔަފާރި ފުޅާވާނެ ގިނަ ގޮތްތަކެއް މަގުފަހިވާނެއެވެ. ހުރިހާ ވަސީލަތްތަކަކީވެސް އެއް ވިއުގައަކުން ގުޅާލެވިފައިވާ ވަސީލަތްތަކަކަށް ވުމުން މަސައްކަތް ކުރުމަށް ކޮންމެހެން އޮފީހަށް ހާޒިރުވާކަށް ނުޖެހޭނެއެވެ. ކޮންމެ ތަނެއްގައި ހުރެވެސް މަސައްކަތް ފުރިހަމަ ކުރެވޭނެ ގޮތް މަގުފަހިވާނެއެވެ.

ކޮންމެ ވިޔަފާރިއެއްގެ ވެސް މަގުސަދަކީ ފައިދާ ލިބޭ މިންވަރު އިތުރުކޮށް ވިޔަފާރިއަށް ހިނގާ ހަރަދު ކުޑަކުރުމެވެ. އެހެންކަމުން މިފަދަ ޓެކްނޮލޮޖިކަލް ކުރިއެރުންތަކާއެކު ވިޔަފާރި ހިންގުމުގައި ހަރަދު ކުޑަ، ވިޔަފާރިއައް ފައިދާ ހުރި އަދި މަސައްކަތްތައް ފަސޭހަ ކުރުމަށް ބޭނުންކުރެވޭ ވަސީލަތްތައް އަދި ސޮފްޓްވެއާ ބޭނުންކުރެވޭނެ ގޮތް މަގުފަހިވާނެއެވެ.

ސްމާޓް ސޮފްޓްވެއާ ބޭނުންކުރަން ފެށުމުން ޑޭޓާ ޓްރެކްކުރެވޭ މިންވަރު އިތުރުވާނެއެވެ. މިއާއެކު ޑޭޓާ މިހާރަށްވުރެ ރައްކާތެރިކަމާއެކު ބަލަހައްޓައި ބޭނުންކުރުމަށްވެސް ފުރުސަތު ހުޅުވިގެންދާނެއެވެ. ވިޔަފާރިތަކުގެ ތަފާތު އެކި ބޭނުންތަކަށް ފެތޭގޮތަށް ޑޭޓާ އެއްކުރުމާއި ޑޭޓާ ފޯރުކޮށްދިނުންވެސް ފަރުމާކުރެވޭނެއެވެ.

އީޖާދީ ވަސީލަތްތަކާއި ހައިސްޕީޑް އިންޓަނެޓް ގިނަ ބަޔަކު ބޭނުންކުރަން ފެށުމުން ވިޔަފާރިކުރާ ފަރާތްތައް ނުވަތަ ހިދުމަތް ހޯދާ ފަރާތްތަކުގެ ބޭނުންތައް ވިޔަފާރިވެރިންނާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ފަސޭހައިން ދެނެގަނެވޭނެއެވެ. އަދި ކަސްޓަމަރުން ބޭނުންވާ މުދަލާއި ހިދުމަތްތައް ދެނެގަތުމަކީ ވިޔަފާރިތަކާ ހިދުމަތްތައް ކާމިޔާބުކަމާއެކެ ފުޅާކޮށް ދެމެހެއްޓުމަށް އެންމެ މުހިންމު އެއް ކަމެވެ.

އެޗްޑީސީން ދެކޭގޮތުގައި މި ސްމާޓް ސިޓީ އިންފްރާސްޓްރަކްޗާ މަޝްރޫއުގެ ސަބަބުން މީހުންގެ ދިރިއުޅުން ފަސޭހަވެގެންދާނެ އީޖާދީ ގޮތްތަކެއް ތައާރަފުވެގެންދާނެއެވެ. ހުރިހާ ފަންތިއެއްގެ ހުރިހާ ބާވަތެއްގެ ވިޔަފާރިތަކަކަށްވެސް ފައިދާވާނެ އިންފްރާސްޓްރަކްޗާއެއް ގާއިމު ކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރިތަކަށާއި ވިޔަފާރި ކުރާ ފަރާތްތަކަށްވެސް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެކެވެ.