ސުޕަޑާންސާ4 ގެ ޖަޖުކަން ކުރުމަށް ލިބުނު ފުރުސަތަށް ބޮލީވުޑް ތަރި ރަވީނާ ޓެންޑަން އިންކާރު ކޮށްފިއެވެ.

ރަވީނާއަށް ލިބުނު ފުރުސަތަށް އިންކާރު ކުރަމުން އޭނާ ވަނީ އެކަމުގެ ހައްގުވެރި ފަރާތަކީ ޝިލްޕާ ޝެޓީ ކަމަށް ބުނެފައެވެ.

އޮރިޔާން ފިލްމު އުފެއްދުމުގެ ދައުވާގައި ފިރިމީހާ ރާޖް ކުންދުރާ ހައްޔަރު ކުރި ހިސާބުން ޝިލްޕާ ޝެޓީ ވަނީ ޖަޖުކަން ކުރަމުން ގެންދާ ސުޕަޑާންސާ 4 އިން ގެއްލިފައެވެ.

ޝޯގެ އިތުރު ދެ ޖަޖުން ކަމުގައިވާ ގީތާ ކަޕޫރު އަދި އަނޫރާގު ބާސޫ އާއެކު ކަރިޝްމާ ކަޕޫރު ހާއްސަ މެހެމާނެއްގެ ގޮތުގައި މިދިޔަ ހަފުތާގައި ފެނިގެން ގޮސްފައިވެއެވެ.

ޝޯގެ ދެން އޮންނަ އެޕިސޯޑުގައި ހާއްސަ މެހެމާނުންގެ ގޮތުގައި ޖެނީލިއާ ޑިސޫޒާ އަދި ރިތޭޝް ފެނިގެންދާއިރު، އެއަށްފަހު ގެންނަން ހަމަޖެހިފައި އޮތް އެޕިސޯޑުގައި މޯސުމީ ޗެޓާޖީ އަދި ސޮނާލީ ބެންޑްރޭ ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ޝިލްޕާގެ ބަދަލުގައި ޖަޖެއްގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ރަވީނާ ޓެންޑަނަށް ވަނީ ދީފައެވެ. ނަމަވެސް އެއީ ޝިލްޕާ ޝެޓީއަށް ހައްގު މަގާމެއް ކަމަށް ބުނެ ރަވީނާ ވަނީ އެފުރުސަތު ދޫކޮށްލާފައިކަމަށް ވެއެވެ.

ޝިލްޕާ ޝެޓީ އަދި ސުޕަޑާންސާ4 އިން ވަކި ނުވާ ކަމަށާއި، އޭނާ ވަރަށް އަވަހަށް ޝޯއިން ފެނިގެންދާނެ ކަމުގައިވެސް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.