ކޮވިޑް ވެކްސިން ޖެހުމަށް މިއަދު ފެށި ބޮޑު ޕްރޮގްރާމްގެ ދަށުން، ހުޅުމާލޭގައި ވެކްސިން ޖަހާނެ ވެކްސިން ސެންޓަރަކީ ހުޅުމާލޭ ހޮސްޕިޓަލު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
ރާއްޖޭގެ އާބާދީގައި ވެކްސިން ޖެހޭ މީހުންގެ 90 ޕަސެންޓަށް އަންނަ މަހުގެ ނިޔަލަށް ކޮވިޑް ވެކްސިން ދީ ނިންމުމަށް ޓަކައި ހާއްސަ ޕްރޮގްރާމެއް ފަށަން ނިންމެވި ކަން ރައީސް ސޯލިހު އިއުލާނު ކުރެއްވީ މި އަހަރުގެ މިނިވަން ދުވަހު ގައުމާ މުހާތަބު ކުރައްވައި ދެއްވި ހިތޯބުގަ އެވެ. ރާއްޖޭގައި ވެކްސިން ޖަހަން ޖެހޭ އުމުރުފުރައިގެ އެންމެނަށް ވެކްސިން ފުރިހަމަ ކުރެވޭ ވަރަށް ރާއްޖެއަށް ވެކްސިން ގެނެވިފައިވާ ކަމަށް ވެސް ރައީސް ސޯލިހުގެ ހިތޯބުގައި ވަނީ ވިދާޅުވެފަ އެވެ.
މި ވެކްސިން ޕްރޮގްރާމް މިއަދު ވަނީ ފަށައިފަ އެވެ.
ހެލްތު މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާނު ދާދި ދެންމެ ވިދާޅުވީ ބުކިން ސިސްޓަމުގައި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރު ކަމަށް އޮތުމުންނާއި ބުކިން ހެދުމުން ލިބޭ މެސެޖުގައި ވެސް އެހެން އޮތުމުން ބައެއް މީހުންނަށް އޮޅުން އަރަމުން އަންނަ ކަމަށާއި އެހެން ވެފައި ވަނީ ހުޅުމާލޭގައި ކުރީން ވެކްސިން ޖަހަމުން އައީ ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށް ނުވާތީ ކަމަށެވެ.
"އަސްލު މި ފަހަރު ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގެ ގޮތުގައި ހަމަޖައްސާފައި މި އޮތީ ހުޅުމާލޭ ހޮސްޕިޓަލް. އެހެން ނަމަވެސް ކުރީން ވެކްސިން ޖަހަމުން އައި ވެކްސިނޭޝަން ސެންޓަރު ތަފާތުވީމަ ބައެއް ބޭފުޅުންނަށް އޮޅުން އަރާވަޑައިގެން ކުރީގެ ތަނަށް މި ވަޑައިގަންނަވަނީ. އެހެން ވީމަ ހުޅުމާލޭގައި ވެކްސިން ދޭ ސެންޓަރަކީ ހުޅުމާލޭ ހޮސްޕިޓަލްކަން ސަމާލުކަމަށް ގެންނަން ބޭނުން ވަނީ." ތަސްލީމާ ވިދާޅުވި އެވެ.
ތަސްލީމާ ވިދާޅުވީ ބުކިން ސިސްޓަމަށާއި ބުކިން ހެދުމުން ލިބޭ މެސެޖަށް ވެސް އިސްލާހު ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަން މިއަދު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި މި އޮޅުން އެރިކަމަށް ޓަކައި ރައްޔިތުންގެ އަރިހުން މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު