އދ. ކުނބުރުދޫ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ޒުވާނާގެ ފޮޓޯއަކާއެކު ފުލުހުން މިއަދު އާންމު ކުރި ލިއުމެއްގައި ބުނެފައިވަނީ ގެއްލިގެން ހޯދަމުން އަންނަނީ އދ. ކުނބުރުދޫ، ފެހިގެ، އުމުރުން 26 އަހަރުގެ އަހްމަދު ނައުފަލް ނަމަކަށް ކިޔާ ޒުވާނެއް ކަމަށެވެ.

ނައުފަލްގެ އާއިލާގެ ފަރާތުން 'ވަން'އާ ވާހަކަ ދެއްކި މީހަކު ބުނީ، ކަންނެލި މަސްވެރިކަމުގައި އުޅުމުގެ ތެރޭގައި ދޯނި ތެރެއަށް ވެއްޓި އަނިޔާވުމުން އޭނާ ޑޮކްޓަރަށް ދެއްކުމަށް މާލެ އައިސް 21 ވަނަ ދުވަހު ޓްރީޓްޕުން ކަށީގެ ޑޮކްޓަރަކަށް ދައްކާފައިވާ ކަމަށެވެ. އަދި އޭނާގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށް ވެސް އޭނާ ބުންޏެވެ.

"އެންމެ ފަހުން އޮންލައިން ވެފައި ވެސް އިނީ 27 ވަނަ ދުވަހު. އޭގެ ފަހުން އޮންލައިން ވެފައިވެސް ނެތް. އެހެންވީމަ ކޮންމެވެސް ކަމެއް ވެއްޖެ،" ނައުފަލްގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ޓްރީޓޮޕް ހޮސްޕިޓަލަށް ދެއްކުމަށް ފަހު ވެސް އާއިލާއާ ގުޅިކަމަށް އޭނާ ފާހަގަކުރިއެވެ. އަދި ކޮވިޑުގެ ވެކްސިން ފުރިހަމަ ކުރުމަށްފަހު އެނބުރި ރަށަށް ދާނެ ކަމަށް ބުނި ކަމަށް އޭނާ ކިޔައިދިނެވެ. ނަމަވެސް އޭގެ ފަހުން ނައުފަލްގެ ހަބަރެއް ނުވާ ކަމަށް އާއިލާ މެންބަރު ބުންޏެވެ.

މަޑުމައިތިރި މިޒާޖެއްގެ ނައުފަލަކީ އަހްލާގު ރަނގަޅު ޒުވާނެއް ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެއްވެސް އިރެއްގައި މަސްތުވާތަކެތި ބޭނުންކޮށް އެފަދަ ރިކޯޑެއް ނޯންނާނެ ކަމަށް ވެސް އޭނާ ކިޔައިދިނެވެ.

ނައުފަލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި ހިއްސާކޮށްދެއްވުމަށް ފަުލުހުން ވަނީ އެދިފައެވެ.