މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ހަ ލައްކައިން މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް 89,703 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި މިއަހަރުގެ މިހާތަނަށް 600،252 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ ބަލާއިރު ދެ ގުނަ އިތުރު އަދަދެކެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެގޮތުން އެގައުމުން 140,824 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އިންޑިއާއިން އައިސްފައިވާއިރު ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ޖަރުމަނުންނެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ ތެރޭގައި އެވްރެޖުކޮށް ދުވާލަކު ރާއްޖެއަށް 3,204 ފަތުރުވެރިން އައިސްފައިވެއެވެ. އަދި ފަތުރުވެރިން އެވްރެޖުކޮށް ރާއްޖޭގައި ނުވަ ދުވަސް ހޭދަކުރެއެވެ.

މިވަގުތު ރާއްޖޭގައި 48,420 ޓޫރިސްޓު އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. އެއީ ރިސޯޓުތަކުން 36,446 ބެޑާއި ހޮޓެލާއި ގެސްޓްހައުސްތަކުން 9,226 ބެޑާއި ސަފާރީތަކުން 2,748 ބެޑެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް މިދިޔަ އަހަރުގެ މާޗު މަހު ބަންދު ކުރުމަށްފަހު އަލުން ބޯޑަރު ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. މިދިޔަ އަހަރު ރާއްޖެއަށް ވަނީ 555,494 ފަތުރުވެރިން އައިސްފައެވެ. އަދި ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމެވެ.

އަންނަ މަހުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި މިއަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި ރާއްޖޭގައި ވެކްސިން ޓޫރިޒަމް ތައާރަފު ކުރެވޭނެ ކަމަށް ވެސް މައުސޫމް ވިދާޅުވެފައިވެއެވެ.