ޝިލްޕާ ޝެޓީ ގޯސް ކަމެއް ނުކުރާނެ ކަމަށް އޭނާ އެންމެފަހުން ފެނިގެން ދިޔަ ފިލްމު ހަންގާމާ 2 ގެ ޕްރޮޑިއުސަރު ރަތަން ޖެއިން ބުނެފިއެވެ.

ޝިލްޕާގެ ދިފާއުގައި ރަތަން މިހެން ބުނެފައިވަނީ ޝިލްޕާގެ ފިރިމީހާ ރާޖް ކުންދުރާ އޮރިޔާން ފިލްމުގެ އުފެއްދުމުގެ ކުށުގައި ހައްޔަރު ކޮށް، ތަހުގީގު ކުރަމުން އަންނަ ވަގުތެއްގަ އެވެ.

ރަތަންގެ އެންމެ ފަހުގެ ފިލްމު ''ހަންގާމާ 2'' ގެ އިތުރުން އޭނާ ވަނީ 2000 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު ''ދަޅްކަން'' އަދި 2002ގައި ނެރުނު ''ހަތިޔާރު'' ގައިވެސް އެކުގައި މަސައްކަތް ކޮށްފައެވެ.

އާއިލާއެއް ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ އެއްވެސް މީހަކު މިފަދަ ހަޑިހުތުރު ކަމެއް ކޮށްގެން ނުވާނެ ކަމަށާއި ޝިލްޕާއަށް އޭނާގެ ފިރިމީހާ ކުރާ ވިޔަފާރީގެ މާ ބޮޑު މައުލޫމާތެއް އެނގޭ ކަމަށް ނުދެކޭ ކަމުގައި ރަތަން ވަނީ ބުނެފައެވެ. ''އަހަންނަށް މިހާތަނަށް ޝިލްޕާގެ ފަރާތުން އެނގޭ ކަމަކީ، އޭނާ މިކަހަލަ ގޯސް ކަމެއް ނުކުރާނެ ކަން.'' ޝިލްޕާގެ ދިފާއުގައި ރަތަން ބުނެފައިވެ އެވެ. އޭނާ މިހެން ބުނިކަމުގައިވިނަމަވެސް، އެކަން ކަށަވަރު ކުރާނީ ތަހުގީގު ކުރާ ފަރާތްތަކުން ކަމުގައި ރަތަން ފާހަގަކުރިއެވެ.

ފިރިމީހާ ރާޖް ކުންދުރާ ހައްޔަރުކުރި މައްސަލައިގައި ޝިލްޕާ ޝެޓީ ރަސްމީކޮށް އެކަމާ މެދު އަދި ވާހަކަ ދައްކާފައެއް ނުވެއެވެ. ރާޖް ހައްޔަރުކުރި ދުވަހު ޝިލްޕާ ޝެޓީ އޭނާއާ ޒުވާބު ކޮށް ހެދިކަމުގެ ވާހަހަކަތަކެއް މީޑިއާގައި ތިލަ ވެފައިވާއިރު އޭނާގެ ރައްޓެހިން ބުނާގޮތުގައި ޝިލްޕާ އެގޮތަށް ކަންތައް ކޮށްފައެއް ނުވެއެވެ.

އޮރިޔާން ފިލްމު އުފެއްދުމުގެ ދައުވާގައި ރާޖް ކުންދުރާ ޖުލައި 19 ގައި ހައްޔަރުކުރުމަށްފަހު އިއްޔެ ވަނީ އަނެއްކާ އޭނާގެ ބަންދުގެ މުއްދަތު އިތުރު 14 ދުވަސް ޖަހާފައެވެ.