ސުޝާންތު ސިންގް ރާޖްޕުތުގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމު ''ނިޔާއެ ދަ ޖަސްޓިސް'' ރިލީސްކުރަން ހުއްދަ ދިއްލީ ހައިކޯޓުން ދީފި އެވެ.

''ނިޔާއެ ދަ ޖަސްޓިސް'' އަކީ ސުޝާންތު ސިންގް ރާޖްޕުޓްގެ ހަޔާތުގެ މައްޗަށް ދިލިޕް ގުލާޓީ ލިޔެ ޑައިރެކްޓްކޮށް ސަރްލާ އޭ.ސަރޯޖީ އަދި ރާހުލް ޝަރްމާ އުފައްދާފައިވާ ފިލްމެކެވެ.

ފިލްމުގެ ޕްރޮޑިއުސަރުން ބުނެފައިވާ ގޮތުގައި މިއީ އިންސާފު ހޯދައިދިނުމުގެ ގޮތުން ހަގީގަތް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ފިލްމު ރިލީސްކުރުމަށް ހަމަޖެހިފައިވަނީ ތިއޭޓަރުތައް ހުޅުވާލުމުން ބޮޑު ސްކްރީނުގައި ކަމަށް ޕްރޮޑިއުސަރުންވަނީ ބުނެފައެވެ.

ދިއްލީ ހައިކޯޓުން މި ފިލްމު ރިލީސް ކުރުމުގެ ހުއްދަ މި ދިނީ، މީގެ ކުރިން ފިލްމު ރިލީސްކުރުމާ ދެކޮޅަށް ސުޝާންތުގެ ބައްޕަ ހުށަހަޅާފައިވާ މައްސަލަ ބެލުމަށްފަހުގަ އެވެ.

ފިލްމުގެ މުހިއްމު ރޯލުތަކުން ޒުބޭރު ހާން އަދި ޝްރެޔާ ޝުކްލާ ފެނިގެންދާއިރު، އަމަން ވަރްމާ، އާސްރާނި، ކިރަން ކުމާރު، ޝަކްތީ ކަޕޫރު އަދި ސުދާ ޗަންދަން މި ފިލްމުގައި ވަނީ ހަރަކާތްތެރިވެފައެވެ.

ބޮލީވުޑްގައި އަރަމުންދިޔަ ތަރި ސުޝާންތު ސިންގް ރާޖްޕުތު މިދިޔަ އަހަރު އަމިއްލައަށް މަރުވެފައިވާއިރު އޭނާގެ މަރާގުޅިގެން ބޮލީވުޑް އިންޑަސްޓްރީގެ ފަތިފުށް ހާމަވެ ގިނަ ތުހުމަތުތަކެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް ކުރެވިގެން ދިޔައެވެ. މީގެ އިތުރުންވެސް މިކަމާ ގުޅިގެން މަސްތުވާތަކެތީގެ މައްސަލަތަކެއް ތަހުގީގުކުރުމަށް ގިނަ ތަރިންތަކެއް އޭރު ފުލުހަށް ހާޒިރުކުރެވިގެން ގޮސްފައިވެ އެވެ.