ކޮވިޝީލްޑް ވެކެސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް އަންނަ އަހަރު އުމުރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދިއުމަށް ހުރަހެއް ނެތް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އަންނަ އަހަރުން ފެށިގެން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީން ބޭރުން އުމްރާވެރީންނަށް ޝަރުތުތަކާއެކު އެގައުމަށް އެތެރެވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ޝަރުތުތަކުގެ ތެރޭގައި ކޮވިޑުގެ ވަކި ވެކްސިން ތަކެއް ފުރިހަމަކޮށްފައި ވުން ހިމެނެ އެވެ. ސައުދީގެ ހައްޖާއި އުމްރާއާ ގުޅޭ މައުލޫމާތުތައް ގެނެސްދޭ ހަރަމައިން ޝަރަފައިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ހަތަރު ވައްތަރެއްގެ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް އުމުރާއަށް ދެވޭނެ ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނަ ދިވެހިން ޖަހާފައިވާ ކޮވިޝީލްޑެއް ނުހިމެނެ އެވެ.

އެކަމާ ގުޅިގެން ވަން އިން މިއަދު އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރުއަށް ސުވާލު ދެންނެވުމުން ވިދާޅުވީ، އެކަން މިނިސްޓްރީގެ ސަމާލުކަމަށް އައުމާ ގުޅިގެން މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށެވެ.

"ލިޔެކިޔުންތަކުން އެނގެން އޮތް ގޮތުގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ވެކްސިނެއް ވެއްޖިއްޔާ އެންމެ ރަނގަޅު ކަމަށް އެހެން ލިޔެފައި އެބަ އޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

އެކި ގައުމުތަކުން އެކި ވެކްސިން ގަބޫލު ކުރަނީ މަރުހަލާތަކެއް ކަޑައްތުކުރުމަށް ފަހުގައި ކަން ފާހަގަކުރައްވައި މިނިސްޓަރު ޒާހިރު ވިދާޅުވީ، ކޮވިޝީލްޑް ބަލައިނުގަންނަ އެތައް ގައުމަކުން އެ ވެކްސިން މިހާރު ބަލައިގަނެފައިވާ ކަމަށެވެ. އެގޮތުން، ކޮވިޝީލްޑް ވެކްސިން ޖަހާފައިވާ މީހުން އުމުރާގެ އަޅުކަން އަދާ ކުރުމަށް ސައުދީއަށް ދިއުމުގައި ހުރަހެއް ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ ހަފުތާގައި ސަރުކާރު ހުޅުވުމުން ރަސްމީކޮށް އެ ގައުމާ އެކު އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކައި މަޝްވަރާ ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވި އެވެ.

ސައުދީން އާއްމުކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު ނުވަ ގައުމެއް ފިޔަވައި ހުރިހާ ގައުމަކުންވެސް އުމްރާގެ އަޅުކަން އަދާކުރުމަށް ސީދާ އެގައުމަށް ދަތުރު ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ. އިސްތިސްނާ ވެފައިވާ ނުވަ ގައުމަކީ ޕާކިސްތާނު، އިންޑޮނޭޝިއާ، މިސްރު، ތުރުކީ، އާޖެންޓީނާ، ބްރެޒިލް، ސައުތު އެފްރިކާ އަދި ލުބުނާން އެވެ، އެ ގައުމުތަކުން ދަތުރުކުރާ އުމްރާވެރިން ސައުދީއަށް ދިއުމުގެ ކުރިން އެހެން ގައުމެއްގައި 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވަނީ ބުނެފައެވެ.

އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ދާ ފަރާތްތައް ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ފައިޒާ، މޮޑާނާ، އެސްޓްރަޒެނެކާ އަދި ޖޯންސަން އެންޑް ޖޯންސަން (މިތަނުން ކޮންމެވެސް އެއް ވެކްސިނެއްގެ) ޑޯޒު ފުރިހަމަ ކޮށްފައި ހުރުން ލާޒިމު ކަމަށް ހަރަމައިން ޝަރަފައިން އިން ވަނީ ބުނެފަ އެވެ. ޗައިނާ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތެއް ނަމަ ފައިޒާ، މޮޑާނާ އެސްޓްރަޒެނެކާ، ނުވަތަ ޖޯންސަން އެންޑް ޖޯންސަން (މިތަނުން ކޮންމެވެސް އެއް ވެކްސިނެއްގެ) ބޫސްޓާ ޝޮޓެއް ޖަހަން ޖެހޭނެ ކަމަށްވެސް ވަނީ ބަޔާން ކޮށްފައެވެ.

މީގެ އިތުރުން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީއަށް އެތެރެ ވެވޭނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކަމުގައި ވަނީ ބުނެފައެވެ.