ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެ ވަނަ ޑޯޒް ދޭން މާދަމާ ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އީދު ބަންދަށް މާލެ ސަރަހައްދުގައި ވެކްސިން ދިނުން ވަނީ މެދުކަނޑާލާފައެވެ.

އެޗްޕީއޭއިން މިއަދު ބުނީ ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް މާދަމާ ދޭން ފަށާނެ ކަމަށެވެ. ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ ހަމައެކަނި ސެނެހިޔާއިންނެވެ. އެ ހޮސްޕިޓަލުން ވެކްސިން ޖަހާނީ ހެނދުނު 9:00 އިން 11:00 އަށެވެ.

ސިނޯފާމް ވެކްސިންގެ 200،000 ޑޯޒް ޗައިނާއިން ވަނީ ރާއްޖެއަށް ހަދިޔާ ކޮށްފައެވެ. އަދި އިތުރު 300،000 ޑޯޒް ހަދިޔާ ކުރަން އެގައުމުން ވަނީ ނިންމާފައެވެ.

ސިނޯފާމްގެ އިތުރުން ރާއްޖޭގައި ކޮވިޑް ވެކްސިންގެ ގޮތުގައި ދެމުން އަންނަނީ އެސްޓްރަޒެނެކާ އާއި ފައިޒާ ވެކްސިނެވެ.