ޝިލްޕާ ޝެޓީގެ ފިރިމީހާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ރާޖް ކުންދުރާ އޮރިޔާން ފިލްމު އުފެއްދުމުގެ ދައުވާއާއި ދެކޮޅަށް ޖުލައި 19 ގައި ވަނީ ހައްޔަރުކުރެވިފައެވެ.

މި މައްސަލައިގާ ހައްޔަރުކޮށް ބަންދުގެ މުއްދަތު މިއަދަށް ހަމަވުމުން ރާޖު ކުންދުރާ ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.

އޮރިޔާން ފިލްމު އުފެއްދުމުގެ ދައުވާގައި ރާޖު މިއަދު ކޯޓަށް ހާޒިރުކުރެވި ޖުޑިޝަލް ކަސްޓަޑީގެ ދަށުން 14 ދުވަސް ވަނީ ޖަހައިދީފައެވެ. ޖުޑިޝަލް ކަސްޓަޑީގެ ދަށުން ރާޖް ކުންދުރާއަށް ކަފާލާތަށް ހުށަހެޅުމުގެ ފުރުސަތު ލިބިދެއެވެ. މި މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުމެއް މާދަމާއަށް ވަނީ ބޮމްބޭގެ ހައިކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލުކުރެވިފައެވެ.

އޮރިޔާން ފިލްމު އުފައްދާ ވިއްކުމުގެ ވިޔަފާރީގައި މުމްބާއީ ފުލުހުންގެ ކްރައިމް ބްރާންޗުން ރާޖް ކުންދުރާ ހައްޔަރުކޮށްފައިވަނީ ޖުލައި 19 ވަނަ ދުވަހުގެ ރޭގަނޑުއެވެ.

ރާޖް ކުންދުރާ އާއެކު ހައްޔަރުކުރި ޕޫނަމް ޕާންޑޭ އަދި ޝާލީން ޗޯޕްރާ ވަނީ ސެޕްޓެމްބަރު 20 އާއި ހަމައަށް ކަފާލާތުގެ ދަށުން މިއަދު ދޫކޮށްލާފައެވެ.

މި މައްސަލަ ތަހުގީގުކުރަން ފެށުމުން ރާޖު ކުރިން ބޭނުން ކުރަމުންދިޔަ ފޯނު ނައްތާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އަންދޭރީގައި ހިންގަމުން އަންނަ ރާޖުގެ ވިއާން އަދި ޖޭއެލް އޮފީހުގައި ފޮރުވާފައިހުރި ކަބަޑެއްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާއިރު، ވިއާން ކުންފުނީގެ ހަތަރު މުވައްޒަފަކު ރާޖު އާއި ދެކޮޅަށް ހެކިބަސް ދޭނެކަމަށް ވަނީ ބެލެވިފައެވެ.

މީގެ އިތުރުން ހޮޓްޝޮޓްސް އަދި ބޮލީފޭމް އެޕްތަކުގެ ވިޔަފާރި އޮޑިޓުކުރުމަށާއި، މި އެޕްތަކަށް ޝިލްޕާ އަދި ރާޖްގެ ޖޮއިންޓް އެކައުންޓަކުން ކޮށްފައިވާ ވިޔަފާރީގެ މުއާމަލާތުތައް ތަހުގީގު ކުރުމަށް އިންޓާނަލް އޮޑިޓަރަކު ފުލުހުންގެ ކްރައިމް ބްރާންޗުން ވަނީ އައްޔަންކޮށްފައެވެ.

ފުހުލުން އިންޑިއާގެ ނޫހަކާއި ހޯމަ ދުވަހު ހިއްސާކުރި މައުލޫމާތުގައި، ޝިލްޕާ ޝެޓީއަށް ފިރިމީހާ ރާޖުގެ ވިޔަފާރީގެ މާބޮޑު މައުލޫމާތެއް ނޭނގޭކަމަށް ވަނީ ބުނެފައެވެ. ރާޖް ހައްޔަރުކުރަން ދިއުމުން ޝިލްޕާ ވަނީ ރާޖް އާއި ދެބަސްވެ އަރާރުންވެފައިކަމަށާއި ޝިލްޕާ ހަމައަކަށް އަޅުވަންޖެހުނީ ފުލުހުން މެދުވެރިވެގެން ކަމަށް ވަނީ ބުނެފައެވެ.

ފިރިމީހާ ރާޖް ހައްޔަރުކުރި މައްސަލައިގާ ޝިލްޕާ ވަނީ އޭނާ ޖަޖުކަން ކުރަމުންގެންދާ ސުޕަ ޑޭންސާ4 ޝޯގެ ޝޫޓިންތަކުގައި ބައިވެރިވުން ހުއްޓާލާފައެވެ.