އަންނަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެންވާއިރަށް، ސްކޫލުތަކުގެ މުވައްޒަފުން ކޮވިޑް ވެކްސިން ފުރިހަމަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެކަން އަންގާފައި ވަނީ ސްކޫލުތަކަށް ފޮނުވި ލިއުމެއްގައެވެ.

އެ ލިއުމުގައި ވަނީ، އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފަށާއިރު އާންމު ހާލަތުގައި ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.

އެކަމަށްޓަކައި ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ދެމުން ގެންދާ ވެކްސިންގެ ޑޯޒްތައް ސްކޫލުތަކުގެ ހުރިހާ މުވައްޒަފުން ފުރިހަކުރަން އެ ލިއުމުގަިއ ވަނީ އަންގައިފައެވެ.

އެގޮތަށް ވެކްސިން ނުޖެހޭ މުވައްޒަފުން، ސަބަބު ބަޔާންކޮށް އެޑިއުކޭޝަނަށް މިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމަށް ވެސް ސްކޫލްތަކަށް ވަނީ އަންގާފަ އެވެ. އެގޮތަށް ހުށަހަޅާ ލިއުމަކީ އެޗްޕީއޭ އިން ދޫކުރާ ލިޔުމަކަށް ވާންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ސްކޫލްތަކުގެ މުވައްޒިފުން ވެކްސިން ފުރިހަމަކުރަން އަންގާފައިވާއިރު، ރާއްޖޭގައި ދިރިއުޅޭ ވެކްސިން ޖެހޭ އުމުރުގެ 90 ޕަސެންޓް މީހުންނަށް އޯގަސްޓުގެ ނިޔަލަށް ވެކްސިން ޖަހައި ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި އިއްޔެ ދެއްވި ހިތޯބުގައި ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގައި އުޅޭ އެންމެންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ވަރަށް ބޮޑު ޕްރޮގްރާމެއް އަންނަ ހަފުތާގެ ތެރޭގައި ސަރުކާރުން ފަށާނެ ކަމަށެވެ.

ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކީ، އަންނަ އޯގަސްޓް މަހުގެ ތެރޭގައި ރާއްޖޭގައި އުޅޭ މީހުންގެ ތެރެއިން، ވެކްސިން ޖަހާ އުމުރުގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖަހައި ނިންމުން ކަމަށްވެސް ވިދާޅުވިއެވެ.