އާޓިފިޝަލް ބީޗާއި، ރަސްފަންނު އަދި އުސްފަސްގަނޑަށް ވެލި އެޅުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާލޭ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ރަސްފަންނު ސަރަހައްދަށާއި އާޓިފިޝަލް ބީޗު ސަރަހައްދަށް ވެލި އެޅުމުގެ މަސައްކަތް ކުރަނީ އަބަދުވެސް ކުރަމުން އަންނަ މަރާމާތުގެ މަސައްކަތުގެ ތެރެއިން ކަމަށެވެ.

ރަސްފަންނު ހަދާފައިވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި، އެއިރު ޑރ. މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވައި އޭނާގެ ބެއްލެވުމުގެ ދަށުނެނެވެ. އެ ސަރަހައްދު މިހާރު ވަރަށް ބޮޑަށް ގިރާފައިވާއިރު ޑރ. މުއިއްޒު ވިދާޅުވީ އެއީ މޫސުމީ ކަމެއް ކަމަށެވެ.

އާންމުކޮށް ވިއްސާރަ މޫސުމާ ދިމާކޮށް އާޓިފިޝަލް ބީޗާއި ރަސްފަންނު ސަރަހައްދު ގިރައި ވަރަށް ބޮޑަށް ގެއްލުން ލިބެ އެވެ.

ޑރ. މުއިއްޒު ވިދާޅުވީ މިކަމަށް ދާއިމީ ހައްލެއް ހޯދުމަށް އަދި މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް އަބަދުވެސް ވަގުތީ ހައްލު އެކަމަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"މިއީ ހަމަ އަބަދުވެސް ކުރަމުން އަންނަ މެއިންޓެނެންސް މަސައްކަތުގެ ތެރެއިން ކުރެވޭ މަސައްކަތް. މޫސުމަށް އަންނަ ބަދަލާއެކު ރަސްފަންނު އަދި އާޓިފިޝަލް ބީޗް ސަރަހައްދު ގިރާ އަބަދުވެސް. ދެން އެއަށް އޮންނާނެ ހައްލަކީ ވެލި އެޅުން އަނެއްކާވެސް. ދާއިމީ ހައްލެއް އަދި ނުހޯދޭ. ރަށްތައްވެސް ގިރަނީ ނޫންތޯ؟ ދެން މިފަދަ ތަންތަންވެސް އޮންނާނީ ގިރުމާއި ވޮޑުން ނޫންތޯ؟" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އުސްފަސްގަނޑު ސަރަހައްދަށްވެސް ވެލި އެޅުމުގެ މަސައްކަތްވެސް ސިޓީ ކައުންސިލުން ވަނީ ފަށައިފަ އެވެ. މިކަމާ ގުޅިގެން ޑރ. މުއިއްޒު ވިދާޅުވީ އުސްފަސްގަނޑު ސަރަހައްދަކީ މިހާރު ގިނަ ބަޔަކު ކަސްރަތު ކުރަންދާ ސަރަހައްދެއް ކަމަށާއި އެތަނުގެ ވެލިގަނޑު ހަރުކޮށް އޮންނާތީ އެކަން ހައްލު ކޮށްދިނުމަށް ގިނަ ބަޔަކު ސިޓީ ކައުންސިލުގައި އެދުނު ކަމަށެވެ. އެހެން ކަމުން ރައްޔިތުންގެ އެދުމާއެކު އެކަމަށް ހައްލެއް ހޯދުމަށް ވެލި އަޅައި ފަސްގަނޑު އެއްވަރު ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ މި މަސައްކަތް މިހަފުތާ ތެރޭގައި އެއްކޮށް ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.