މުސްލިމަކާ ދިމާލަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުން (ލާދީނީ ކިޔުން) އެއީ ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވާފައިވާ "ނަފްރަތުގެ ބިލް" އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ތާއީދު ނުކުރުމަކީ، ސަރުކާރު ހަރުކަށި ފިކުރުގެ ދަށުވެފައި އޮތުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސަރުކާރު ކޯލިޝަން ޕާޓްނަރު، އެމްއާރުއެމްގެ ލީޑަރު ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނު މިހެން ވިދާޅުވީ، ރާއްޖެ ޓީވީގެ ފަށާއިރު ޕްރިގްރާމްގައި އެމަނިކުފާނާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެބިލަށް އެމަނިކުފާނު ތާއީދު ނުކުރައްވާ ސަބަބު ހާމަ ކުރައްވަމުން ރައީސް މައުމޫނު ވިދާޅުވީ، އެ ބިލުުގެ ސުރުހީ ކިތަންމެ ރީތި ނަމަވެސް ބިލުގައި ހުރި މާއްދާތަކަށް ބަލާލާއިރު އިސްލާމީ ގައުމެއްގައި އެ ބިލަށް އަމަލެއް ނުކުރެވޭނެ ކަމަށެވެ.

"އޭގެ ސުރުހީއަށް ބަލާލާއިރު ވަރަށްރީތި ވަރަށް ހަމަޖެހޭ އެކަމަކު އެ ބިލުގައި ހުރި މާއްދާތަކަށް ބަލާލާއިރު އަޅުގަނޑުމެން ކަހަލަ އިސްލާމީ ގައުމެއްގައި އެއަކަށް އަމަލެއް ނުކުރެވޭނެ، އެއީ އިސްލާމްދީނުގައި ވަރަށްމުހިއްމުކަމެއް، ހެޔޮ ކަންތަކަށް ގޮވާލުމާއި ނުބައި ކަންތައް މަނާކުރުން، ކީރިތި ގުރުއާނުގައިވެސް އޮންނާނެ އެކަން ސާފުކޮށް ބަޔާން ކޮށްފައި، އެހެންވީމަ އެކަންތައްކަމެއް ނުކުރެވޭނެ އެ ބިލު އެ އޮތްގޮތަށް ފާސްކޮށްގެން،" ރައީސް މައުމޫނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ބިލުގައި ބުނާގޮތުން ތިކަންތައް ތިކުރަނީ ގޯސްކޮށޭ ތި ދައްކަނީ ދީނާ ހިލާފްވާހަކައެކޭ ބުނެވޭކަށްވެސް ނެތް ކަމަށެވެ. ނަމަވެސް އެކަންކަމަކީ ބަޔާންކޮށްދޭންޖެހޭ ކަންތައްތަކަށް ވެސް ވިދާޅުވިއެވެ. އެންމެ ކުޑަމިނުން ތި ކުރަނީ ދީނާހިލާފް ކަމެކޭ ބުނުމަކީވެސް ޖިނާއީ ކުށެއްގެ ގޮތަށް އެ ބިލުގައި ހިމަނާފައިވާ ކަަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަޔާންކޮށްދެން އެބަޖެހޭ ދީނުގެ ހުކުމްތައް، މިސާލަކަށް މީހަކު ރާބޯތަން ފެނުނީމަ ތީ ދީނާ ހިލާފްކަމެކޭ ބުނެވެން ޖެހޭނެ، އެކަމް އެ ގާނޫނު އޮތްގޮތުން އެހެން ބުނިމީހާ އެކުރަނީ ޖިނާއީ ކުށެއް، އެހެންވީމަ ދެކޮޅެއް ނުޖެހޭ،"

ރައީސް މައުމޫނު ވިދާޅުވީ، އެ ބިލަށް ސަރުކާރުން ތާއީދު ނުކުރުމަކީ، ސަރުކާރު ހަރުކަށި ފިކުރުގެ ދަށުގައި ތާށިވެފައިވުން ކަމަށްބުނެ ވާހަކަ ދައްކަނީ ވެރިކަމަށް އަންނަން ބޭނުންވެގެން އުޅޭ ބައެއް ކަމަށެވެ.

އެމީހުންގެ ބޭނުމަކީ ދޮގު ހަދައިގެން ނަމަވެސް ސަރުކާރު ބަދުނާމުކޮށް ވާހަކަ ދެއްކުން ކަމަށްވެސް ވިދާޅުވިއެވެ.

މެއި ހައެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިޒަމްގެ ހަމަލާއެއް ދިނީ، އެމަނިކުފާނަކީ ލާދީނީ ބޭފުޅެއް ކަމަށް ތުހުމަތުކޮށް، އުފެއްދި ނަފްރަތުގެ ތެރެއިން ކަމަށް އެމްޑީޕީން ބުނަމުން ދަނިކޮށް އެގޮތަށް ނަފްރަތު އުފައްދާ ފަރާތްތަކަށް ޖަލުގެ އަދަބު ކަނޑައަޅައި ގާނޫނުލް އުގުބާތައް އިސްލާހު ގެންނަން ބިލު މަޖިލީހަށް ފޮނުވީ ސަރުކާރުންނެވެ.

ނަމަވެސް ސަތޭކައަށްވުރެ ގިނަ ދީނީ އިލްމުވެރިންނާއި، ގިނަ އަދަދެއްގެ އާއްމުންނާއި، ގިނަ ކައުންސިލްތަކަކުން ވަނީ، އެ ބިލުގައި ހިމެނޭ ކަންތައްތަކަށް ދެކޮޅު ހަދައިފައެވެ.

އެ ބިލު ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް، މަޖިލީހުގެ ތަޅުމަށް ގެނައި ނަމަވެސް އެ ދެކޮޅުހެދުންތަކާ ގުޅިގެން ބިލު ވަނީ ފާސްނުކޮށް އަލުން ކޮމިޓީއަށް ފޮނުވާލައިފައެވެ.

އެ ބިލުގެ ބަހުސް މަޖިލީހުގައި ކުރިއަށް ދިޔައިރު ބިލު ފާސް ކުރުމާމެދު އެމްޑީޕީގެ މެންބަރުންގެ މެދުވައިވެސް ބޮޑެތި ހިޔާލުތަފާތުވުންތައް އުފެދުނެވެ.

އެ ކަމާގުޅިގެން ބިލު ފާސްކުރަން ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށްބުނެ ބައެއް މެންބަރުން ސަރުކާރަށް ވަރަށްބޮޑަށް ފާޑުވެސް ވިދާޅުވިއެވެ.

އެބިލުގެ މަސައްކަތް ދެން ކުރިއަށްދާނީ އަންނަ މަހު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފެށުމުންނެވެ. މިހާރު ރައްޔިތުންގެ މަޖިލިސް އޮތީ ޗުއްޓީގައެވެ.

ނަފްރަތުގެ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަަށް އެންމެ ބޮޑު އިންޒާރެއް ދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ ބިލުގައި ހިމެނޭ ކަންތައްތަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތާއީދު ނުކުރާނަމަ އެމަނިކުފާނުގެ ސަރުކާރަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.