ގދ. ތިނަދޫ މޮނިޓަރިން ހާލަތުން ނަގައިދިނުމަށް އެރަށު ކައުންސިލުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގައި އެދިއްޖެ އެވެ.
މިދިޔަ އެޕްރީލް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކޮވިޑު ކޭސްތަކެއް ފެނި ތިނަދޫ މޮނިޓަރިއަން ލީއިރު ދުވަހެއް ދުވަހަކަށް އެރަށުގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ. ބަލި ކޮންޓްރޯލް ކުރުމަށް އެރަށުގައި ކާފިއުވެސް އިއުލާން ކުރި އެވެ. ނަމަވެސް ގިނަ ބަޔަކު ކާފިއު އުސޫލާވެސް ހިލާފުވެ ޖޫރިމަނާވެސް ކުރަން ޖެހުނެވެ. ރަށަށް ބަލި ފެތުރެން ދިމާވީވެސް ކަރަންޓީނުގައި މީހުން ތިބި ގެތަކަށް އާއިލާގެ މީހުންނާއި އަވަށްޓަރިން އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ވަދެ ނިކުމެ ހެދުމުގެ ސަބަބުން ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.
ތިނަދުށް އަރައިފޭބުން މަނާކޮށްފައި އޮންނަތާ މިހާރު ތިން މަހަށްވުރެ ގިނަދުވަސް ވެފައިވާއިރު މިހާރު ތިނަދޫގެ ހާލަތު މަޑު މަޑުން ރަނގަޅުވަމުން އަންނަ ކަމަށް ތިނަދޫ ކައުންސިލުން ވަނީ ބުނެފަ އެވެ. މި މުއްދަތުގެ ތެރޭގައި ތިނަދޫން 900 އަށްވުރެ ގިނަ މީހުންނަކަށް ބަލި ޖެހުނު އިރު މިހާރު ބަލިން ރަނގަޅު ނުވެ ތިބީ 89 މީހެކެވެ.
ތިނަދޫ ކައުންސިލް ރައީސް ސައުދު އަލީ "ވަން"އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ތިނަދޫ އާންމު ހާލަތަށް ގެނައުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ލިބެމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
ސައުދު ވިދާޅުވީ ރެންޑަމްކޮށް ތިނަދޫން ފާއިތުވި ދުވަސްތަކުގައި ނެގި އެއްވެސް ސާމްޕަލެއް ޕޮޒިޓިވް ވެފައި ނުވާ ކަމަށާއި ނަމަވެސް ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ރޭ ވެސް ތިން މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެން ކަމުން ތިނަދޫ މޮނިޓަރިން ހާލަތުގައި ބާއްވާނެ އެއްވެސް ހާލަތެއް އޮތް ކަމަށް ގަބޫލު ނުކުރާތީ އެ ރަށް މޮނިޓަރިން އިން ނަގައި ހުޅުވައިލުމަށް އެޗްޕީއޭގައި އެދިފައި ވާނޭ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދިޔަ ދުވަސްތަކުގަ ނެގި ރެންޑަމް އެއްވެސް ސާމްޕަލެއް ޕޮޒިޓިވް ނުވޭ. އެހެންވީމަ ރަށުތެރޭގައި މިބަލި އޮތްހެނެއް މިހާރު ހީނުވޭ. އެކަމަކު ކަރަންޓީނުގައި ތިބި ބައެއް މީހުން މިހާރުވެސް ޕޮޒިޓިވް ވޭ. ރޭވެސް ތިން މީހަކު ޕޮޒިޓިވް ވި. އެކަމަކު އެ މީހުންނަކީ އެއީ ކަރަންޓީނުގައި ތިބި ބައެއް. ގާތްގަނޑަކަށް މިހާރު 85 ޕަސެންޓް މީހުން ބަލިން ރަނގަޅުވެއްޖެ. ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެންނަށް އެއްބާރުލުން ލިބިގެން މިވަރަށްވެސް ބަލި ކޮންޓްރޯލް މިވީ. އަދިވެސް އެދެނީ ރައްޔިތުން ކެތްތެރިވެ އެއްބާރުލުން ދޭން." އޭނާ ވިދާޅުވި އެވެ.
ސައުދު އިތުރަށް ވިދާޅުވީ ތިނަދުއަށް ބަލި ފެތުރުނު ގޮތް މިހާރު އެންމެނަށްވެސް އެނގޭނެ ކަމަށާއި އެހެން ކަމުން އިތުރަށް މި ބަލި ރަށަށް ފެތުރުނަ ނުދޭން ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެގޮތުން ކަރަންޓީނު ކޮށްފައި ހުންނަ ގެތަކަށް ނުދިއުމާއި، ކަރަންޓީނުގައި ތިބި މީހުން ފޫހިވި ކަމުގައިވީނަމަވެސް ބޭރަށް ނިކުމެ ނުހެދުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މި ބައްޔަކީ ނުރައްކާތެރި ބައްޔެއްކަން ދަނެގެން އެއިން ރައްކާތެރިވުމަށް ފަރުދީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތަކާއި ޒިންމާތައް އަދާކުރުމަށްވެސް އިލްތިމާސްކުރައްވާ ކަމަށް ވިދާޅުވި އެވެ.
އާބާދީގައި 12000 މީހުން ދިރިއުޅޭ ތިނަދޫން މި ބަލީގައި ދެމީހަކު ވަނީ މަރުވެފަ އެވެ. މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 200 އިން މައްޗަށް އަރާފަ އެވެ.
ތިނަދޫއާއެކު މިހާރުވެސް ރާއްޖޭގެ 15 ރަށެއް މޮނިޓަރިން އަށް ލާފައިވާއިރު ތިނަދޫ ފިޔަވައި މިހާރު މޮނިޓަރިން އަށް ލާފައި އޮންނަތާ އެންމެ ގިނަ ދުވަސްވެފައިވަނީ ފ. ފީއައްޔެވެ.
ޚަބަރު
ޚަބަރު