އެތުލީޓަކު ރިހި މެޑެއްޔެއް ހާސިލުކޮށްގެން އުމުރު ދުވަހަށް ހިލޭ ޕިއްޒާ ހޯދައިފިއެވެ.

ޖަޕާނުގައި ކުރިއަށްދާ ޓޯކިއޯ އޮލިމްޕިކްސް 2020ގައި އިންޑިއާގެ އެތުލީޓު މިރަބައި ޗާނޫ ވަނީ 49 ކިލޯގެ ބަރު އުފުލުމުގެ ކެޓެގަރީގައި ވާދަކޮށް ރިހި މެޑައްޔެއް ހާސިލުކޮށްފައެވެ.

ޗާނޫ ވަނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ވަރުގަދަ ޑައެޓެއްގައި ހިފަހައްޓައި ޕިއްޒާ ފަދަ ތަކެތި ކެއުމުން ދުރުހެލިވެފައެވެ. އިންޑިއާއަށް މިއަހަރުގެ އޮލިމްޕިކްސްގައި ފުރަތަމަ ރިހި މެޑަލް ހޯދައިދިނުމަށްފަހު ޗާނޫ އެންމެ ބޭނުން ވަނީ ޕިއްޒާއެއް ކާލަން ކަމަށް އޭނާ ވަނީ ބުނެފައެވެ.

''އެންމެ ފުރަތަމަ ކަމަކަށް އަހަރެން ގޮސް ކާނީ ޕިއްޒާއެއް. ޕިއްޒާއެއް ނުކާތާ ވަރަށް ގިނަ ދުވަސް ވެއްޖެ.'' މި ކާމިޔާބީއަށްފަހު އެންޑީޓީވީއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

އިންޑިއާގެ ޑޮމިނޯސް އިން ވަނީ ޗާނޫ ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔައި، އުމުރު ދުވަހަށް ޗާނޫއަށް ޑޮމިނޯސް ޕިއްޒާ ލިބޭނެ ކަމަށް ބުނެފައެވެ.

''އިންޑިއާގެ ބިލިއަނަކަށްވުރެ ގިނަ މީހުންގެ ހުވަފެންތަކުގައި ކުލަ ޖައްސައިދީ ތި ހޯދައިދިން ކާމިޔާބަށްޓަކައި ޑޮމިނޯސް އިން ހިލޭ ސާބަހަށް ޕިއްޒާ ދިނުމަކީ ލިބޭނެ ފަހުރެއް. އަދިވެސް އެއްފަހަރު މަރުހަބާ ކިޔަން.'' ޗާނޫއަށް މަރުހަބާ ކިޔުމުގެ ގޮތުން އިންޑިއާގެ ޑޮމިނޯސް ޕިއްޒާއިން ހޮނިހިރު ދުވަހު ކޮށްފައިވާ ޓުވީޓުގައި ބުނެފައެވެ.

އިންޑިއާގެ އިމްފަލް ސިޓީގައި ހިންގަމުން އަންނަ ޑޮމިނޯސް ޕިއްޒާއިން ވަނީ ޗާނޫގެ އާއިލާވެސް މި އުފަލުގައި ޝާމިލު ކޮށްފައެވެ. ''ޗާނޫއަށް ހީރޯއެއްގެ މަރުހަބާ ކިޔުމަށް ތައްޔާރުވަމުން އަންނައިރު ޑޮމިނޯސް އިމްފަލް ޓީމުން އާއިލާއަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ ޕިއްޒާއާއެކު އޭނާގެ އާއިލާގެ ގެޔަށް ޒިޔާރަތްކޮށްފަ.'' ޑޮމިނޯސް ޕިއްޒާ ޗެއިން ހިންގަމުން އަންނަ ޖުބިލަންޓް ފުޑްވޯކްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޕްރަތީކް ޕޯޓާ މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.

މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ 49ކިލޯގެ ބަރު އުފުއްލުމުގެ ކެޓެގަރީގައި 26 އަހަރުގެ ޗާނޫ ރިހި މެޑަލް ހާސިލި ކުރިއިރު، މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި މި ކެޓެގަރީން އިންޑިއާއަށް މެޑައްޔެއް ހާސިލުވި ފުރަތަމަ ފަހަރެވެ. އަދި މިއީ މިއަހަރުގެ އޮލިމްޕިކްސްގައި އިންޑިއާއަށް ލިބުނު ފުރަތަމަ މެޑަލްވެސް މެއެވެ.