ހޯސްޓިން ފީ ނުދައްކައިގެން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ނިއުސް ވެބްސައިޓް ޑައުންކޮށްލައިފިއެވެ.

ޕީއެސްއެމްގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ ހޯސްޓިން ފީ ނުދައްކައިގެން ވެބް އޮޕަރޭޓަރުން އެ ކުންފުނީގެ ވެބްސައިޓް ޑައުންކޮށްލާފައިވާ ކަމަށެވެ. އަދި އަލުން ސައިޓް އަޕް ކޮށްދޭނީ މަދުވެގެން 2000 ޑޮލަރު ދެއްކުމުން ކަމަށް އޮޕަރޭޓަރުން ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެންމެ މަދުވެގެން 2000 ޑޮލަރު ދައްކައިގެން ނޫނީ އަލުން ވެބްސައިޓް އަޕް ނުކޮށްދޭނެ ކަމަށް ކުންފުނިން ބުނީ. ދެން ފައިނޭންސުން ބުނީ ލާރިއެއް ނެތޯ މިވަގުތު. ކުންފުނިން ބުނަނީ ތިނެއް ނުވަތަ ހަތަރުވަރަކަށް ދުވަސް ނަގާނެއޭ ޑޮލަރު ހޯދަން،" އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ މީގެ ކުރިންވެސް ސައިޓް ޑައުންކޮށްލާނެކަމުގެ އިންޒާރު އޮޕަރޭޓަރުން ދީފައިވާ ކަމަށާއި ނަމަވެސް ފައިސާ ނުދެއްކުމުން ކަނޑާލީ ކަމަށެވެ. އަދި ވިދާޅުވީ ދައުލަތުން ޕީއެސްއެމަށް ކޮންމެ އަހަރަކު ބޮޑު ބަޖެޓެއް ދޭ ކަމަށާއި ކުޑަ އަދަދެއް ނުދެއްކި، އެ ކުންފުނީގެ ވެބްސައިޓް ޑައުންވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ދައުލަތުގެ ބަޖެޓުން ވަރަށް ބޮޑު އެއްޗެއް އެބަދޭ ޕީއެސްއެމަށް. ސްޕޮންސާގެ ގޮތުގައިވެސް ވަރަށް ގިނަ ފައިސާ އެބަ ޕީއެސްއެމަށް ލިބޭ. ކުޑަކުޑަ އަދަދެއް ނުދެއްކިގެން ދައުލަތުގެ މީޑިއާގެ ވެބްސައިޓް ޑައުންވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އޮފިޝަލް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަލީ ހާލިދު "ވަން" އަށް ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި އުޅެނީ ޓެކްނިކަލް އިޝޫއެއް ކަމަށެވެ.

"ދިމާވެގެން މިއުޅެނީ ޓެކްނިކަލް މައްސަލައެއް. އެއީ މިސްކޮމިއުނިކޭޝަނެއް،" ހާލިދު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިސާ ނުދައްކައިގެން ޕީއެސްއެމްގެ ނިއުސް ވެބްސައިޓް ޑައުންކޮށްލާފައިވަނީ ރޭގެ ވަގުތެއްގައެވެ.

ޕީއެސްއެމަށް ދައުލަތުގެ ބަޖެޓުން އަހަރަކު 140 މިލއަނަށް ވުރެ ގިނަ ރުފިޔާ ކަނޑައަޅާފައި އޮވެއެވެ. މީގެ އިތުރުން އެ ކުންފުންޏަށް ސްޕޮންސަރުންގެ ފަރާތުންވެސް ގިނަ އަދަދެއްގެ ފައިސާ ލިބެއެވެ.