ކުޅުދުއްފުށި ސިޓީން ކުޑަކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ ސިޓީ އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނީ ހުމާއި ރޯގާގެ އަސަރު ހުރެގެން އިއްޔެ ފުލޫ ކްލިނިކަށް ދެއްކި ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ޕޮޒިޓިވްވެފައިވަނީ 13 އަހަރުގެ ކުއްޖެއް ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ހޮސްޕިޓަލުން ބުނީ އެ ކޭސްއާ ގުޅިގެން އެ ސިޓީ މިހާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް ބުންޏެވެ.

ކުޅުދުއްފުށި އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، މިދިޔަ މަހުގެ ނުވަ ވަނަ ދުވަހުވެސް ވަނީ އެ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއީ އެރަށާއި މާލެއާ ދެމެދު ދަތުރުކުރާ ސީކްއީން ބޯޓުގެ ފަޅުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.