ރާއްޖޭގެ ޖަލުތަކުގެ ހާލަތު ދެނެގަނެ، އެތަންތަނުގައި އިސްލާހު ކުރަން ހުރި ކަންތައްތައް ފާހަގަކޮށް ހިމަނައިގެން ނެރުނު، ޖަލު އޮޑިޓް ރިޕޯޓުގައި ހިމެނޭ ކަންތައްތައް އަވަސް ކުރުމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ގޮވާލައްވައިފިއެވެ.
ޖަލުގައި އިސްލާހު ކުރަން ހުރި ކަންތަައްތައް އިސްލާހު ކުރުމުގެ ކަންތައް ހަލުވިކަމާއެކު ކުރިއަށްނުދާކަން ފާހަގަ ކުރައްވައި މުޖުތާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދެއަހަރު ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ޖަލު އޮޑިޓް ކޮމިޝަނުގެ އިސްލާހީ ހުށަހެޅުންތަކުގެ ތެރެއިން އަމަލީ ސިފަ ގެނެވުނީ ވަރަށް މަދު ހުށަހެޅުން ތަކަކަށް ކަމަށެވެ.
އެކަންތައްތައް ކުރުމުގެ ޒިންމާގައި ތިއްބެވި ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ އިސްލާހީ މަސައްކަތްޕުޅުތައް ހަލުވި ކުރެވޭތޯ މަސައްކަތް ކުރުން މުހިއްމު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ޖަލުތަކުގެ ކަންތައް ބަލައި އެތަންތަނުގައި ހުރި އިސްލާހު ކުރަން ޖެހޭ ކަންތައްތައް ހިމަނައިގެން ޖަލު އޮޑިޓް ރިޕޯޓެއް އެކުލަވާލައި 2019 ވަނަ އަހރުގެ މެއިމަހުގެ ތެރޭގައި ނެރެފައި ވަނީ އެކަމަށް ޓަކައި އެކުލަވައިލި ހާއްސަ ކޮމިޓީއަކުންނެވެ.
އެ ކޮމިޓީން އެކުލަވައިލި 290 ސަފްހުގެ ރިޕޯޓު ވަނީ ހަމަ އެދުވަހު ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އަށް އަރުވައިފައެވެ.
ރާއްޖޭގެ ޖަލުތަކުގެ ހާލަތު ދެނެގަނެ އެތަންތަން އިސްލާހު ކުރުމަށް 182 ހުށަހެޅުމެއް އެ ރިޕޯޓުގައި ހިމަނާފައިވެއެވެ.
އޭގެ ތެރޭގައި އަނިޔާގެ މައްސަލަތަކާއި، ސިއްހީ ފަރުވާ ދިނުމުގައި އިހުމާލުވާ މައްސަލަތަކާއި، ޖާގައަށް ވުރެ އިތުރަށް ޖަލުތަކުގައި މީހުން ބަންދުކުރުމުގެ މައްސަލަތަކާއި، ހައްގުތަކުން މަހުރޫމު ކުރުމުގެ ކަންތައްތަަކާއި، ބިދޭސީން ބަންދުކުރާ ޖަލުގައި ތިބި މީހުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުމާއި، ޕެރޯލާއި ކްލެމެންސީ ދޭ ގޮތް އިންސާފުވެރިއެއް ނޫން ކަމާއި، އެ ދެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތައް ފާހަގަކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު