އައްޑޫ ސީޓީގެ ފޭދޫ ރައްޔިތުންނަށް އެ ސިޓީގެ ހިތަދޫން ގޯތި ލިބޭގޮތް ހައްދަވާނެ ކަމަށް އައްޑޫސީޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އައްޑޫއަކީ ސިޓީއެއް ކަމަށާއި އެހެންކަމުން ފޭދޫ ރައްޔިތުންނަށް ހިތަދޫންވެސް ގޯތި ދެވެން ޖެހޭނެ ކަމަށެވެ.

އެގޮތުން ހިތަދޫގެ ބިން ހިއްކިގެންދާއިރު، އެކަން ހަމަޖެހޭނެ ކަމަށާއި، އެކަމަށްޓަކައި ހިތަދޫން 90 ހެކްތަރުގެ ބިން ހިއްކޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ފޭދޫ ފަޅު ތެރެއިން ހިއްކާފައިވާ 64 ހެކްޓަރުގެ ބިމާބެހޭގޮތުން ނިޒާރު ވިދާޅުވީ، ގޯތި ބޭނުންވެފައިތިބި ފޭދޫ ރައްޔިތުންނަށް އެބިމުގެ ސަބަބުން ކޮންމެވެސް ހައްލެއް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް ގޯތި ބޭނުންވެފައިތިބި ފޭދޫ ހުރިހާ ރައްޔިތުންނަށް އެ ބިމުން ގޯތި ހަމަޖެހިގެންދާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

އެ ބިމުން ގޯތި ލިބޭނީ އެކަމަށް އެންމެ ބޭނުންވާ މީހުންނަށް ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

ނަމަވެސް މޭޔަރު ނިޒާރު ވިދާޅުވީ، އެކަން ކުރެވޭނީ ފޭދޫގައި ތިބި ގޯތި ބޭނުންވާ މީހުންގެ އަދަދު ބެލުމަށްފަހު ކަމަށެވެ.

ފޭދޫން ހިއްކާފައިވާބިން ކިތަންމެ ބޮޑު ނަމަވެސް ނިޒާރު ވިދާޅުވީ އެބިމުގެ ޕްލޭން ނަހަދަނީސް ފޭދޫ ބިމުން ސަރުކާރުގެ ވެސް އަދި ދައުލަތުގެ އެއްވެސް ކަމަކަށް ބިން ދޫ ނުކުރުމަށް މިހާރުގެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

ބިލުގެ ޕްލޭން ގެދުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާ ކަމަށާއި، ޑިޖިޓަލް މެޕެއް އެކުލަވައިލުމަށް ބަޔަކާ ހަވާލު ކޮށްފައިވާ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.