އުފާވެރި ހިތްހަމަ ޖެހޭ ދިރިއުޅުމެއް ހޯދުމަށް މިއަދު ކޮންމެ މީހަކު ގަދަ އަޅާ ބުރަ މަސައްކަތް ކުރަމުންދާއިރު މާތް ﷲ ސުބުހާނަހޫ ވަތައާލާ މަތިން ހަނދުމަ ނެތޭ ކަމަށް މިއަދުގެ ހުތުބާގައި ބުނެފި އެވެ.
މާތް ﷲ އެންމެ ލޯބިވެ ވޮޑިގެންވާ އެއް ކަމަކީ ނަމާދު ގާއިމް ކުރުން ކަމަށް ވީހިނދު، ނަމާދު އަޅާފައި ކިތަންމެ މަސައްކަތެއް ކުރި ކަމުގައި ވީނަމަވެސް އެ މަސައްކަތަކުން ބާއްޖަވެރިކަން ނުލިބޭނެ ކަމަށް މިއަދުގެ ހުތުބާގައި ވަނީ ބުނެފަ އެވެ.
ބާއްޖަވެރިކަން ހޯދުމަށް މަސައްކަތް ކުރާ މީހާ އެންމެ ފުރަތަމަ ފަރުވާތެރިވާންޖެހޭނީ ނަމާދަށް ކަމަށާއި އެ ނޫން ގޮތަކަށް ބާއްޖަވެރިކަމެއް ނުލިބޭނެ ކަމަށް ބުނެފައިވެ އެވެ. އެހެން ނަމަވެސް މި މަތިވެރި ބާއްޖަވެރިކަން ހޯދުމަށްޓަކައި ގަދަ އަޅާއި މަސައްކަތް ކުރަނީ ކިތަށް މީހުންތޯ ވަނީ ސުވާލު އުފައްދާފަ އެވެ.
"ދުނިޔޭގެ ކޮންމެ މީހަކުވެސް މަސައްކަތް ކުރަނީ ބާއްޖަވެރި ދިރިއުޅުމެއް ހޯދާށެވެ. ބާއްޖަވެރިކަން މާނަ ކުރުމުގައި މީހުންގެ ވިސްނުން ތަފާތެވެ. އެއްބަޔަކު ދެކޭ ގޮތުގައި ބާއްޖަވެރިކަމަކީ މުއްސަނދި ކަމެވެ. ނުވަތަ އެންމެ ބޭނުންވާ އެއްޗެއް ހާސިލްވުމެވެ. ނުވަތަ މަތީ މަގާމަކަށް ވާސިލް ވުމެވެ. ނުވަތަ މަތީ ރޮނގު ރޮނގުން ކާމިޔާބީ ހާސިލް ވުމެވެ. ނަމަވެސް ހަގީގީ ބާއްޖަވެރި ކަމަކީ މިއީ ހެއްޔެވެ؟ ބާއްޖަވެރި ކަމަކީ މުދާވެރިކަން ނަމަ، ގާރޫނަކީ އެންމެ ބޮޑު ބާއްޖަވެރިޔާ އަށް ވާނެ ނޫން ހެއްޔެވެ؟" ހުތުބާގައި ބުނެފައިވެ އެވެ.
ހެނދުނު ހެނދުނާ ވަޒީފާ އަދާ ކުރުމަށް ތެދުވާއިރު ފަތިސް ނަމާދު އޭގެ ވަގުތުގައި އަދާ ކުރަނީ ކިތަށް މީހުންތޯ ހުތުބާގައި ވަނީ ސުވާލު ކޮށްފަ އެވެ. އުފާވެރި ބާއްޖަވެރި ހަޔާތެއް ބޭނުންވާނަމަ ބާއްޖަވެރިކަމުގެ ދެ އަސާސް ކަމުގައިވާ އީމާންކަމާއި މާތް ﷲ އަށް ކިޔަމަންތެރިކަން އަދާ ކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.
ހަޔާތުގައި ދިމާވާ އެކި އެކި ކަންކަމާ ހާސްވެ ކަންބޮޑުވުން ނެތިދާނެ ހަމައެކަނި އަސާސަކީ އީމާން ކަން ކަމަށާއި އެ މީހެއްގެ ހިތުގައި މާތް ﷲ ސުބުހާނަހޫ ވަތައާލާއަށް އޮންނަ ޔަގީން ކަމަކީ އިންސާނާ އަށް ބާއްޖަވެރިކަން ގެނެސްދޭނެ ކަމެއްކަމަށް ހުތުބާގައި ބުންޏެވެ. އަދި މި ޔަގީންކަން ލިބޭނީ ހަމަ އެކަނި އީމާންކަމުން ކަމަށާއި އޭރުން އިންސާނާ އޭނާގެ އަމިއްލަ ންފަސާމެދު އޮންނަ ޔަގީންކަން އިތުރުވެގެންދާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ހުތުބާގައި އިތުރަށް ބުނީ އެމީހަކަށް ކުރެވޭ ހެޔޮ ކަންތަކުގެ ސަބަބުން ބުނެދޭން ނޭނގޭހާ ހިތް ހަމަ ޖެހުމާއި އުފާވެރިކަން އެމީހަކަށް އިހުސާސް ކުރެވޭނެ ކަމަށެވެ. ކޮންމެ އިންސާނެއްގެ އަމާޒަކަށް އަދި ހަޔާތުގެ މަގްސަދަކަށް ވާންޖެހޭނީވެސް ﷲގެ ރުއްސުން ލިބިގަތުން ކަމަށް ވާންޖެހޭނެ ކަމަށާއި އެ އަމާޒަށް ވާސިލް ވެވިއްޖެ ނަމަ ހިތްހަމަ ޖެހުމާއި އުފާވެރިކަން ލިބިދާނެ ކަމަށްވެސް ހުތިބާގައިވަނީ ފާހަގަކޮށްފަ އެވެ. އެހެން ކަމުން ބާއްޖަވެރިކަމަކީ މަގާމުގެ ގޮތުން ނުވަތަ ފައިސާއިން ނުވަތަ މީހަކު ބުނެލާ ބަހަކުން ލިބޭނެ އެއްޗެއް ނޫން ކަމަށްވެސް ވަަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު